މާލޭގެ ފަރީދީ މަގުގައި ހުންނަ ފެންޓަސީ ސްޓޯރުން ޗޮކްލެޓެއް ވަގަށް ނަގައިގެން ޖީބަށް ލައިގެން ފިހާރައިން ނުކުންނަން އުޅުނު މީހަކު ފަޅާއަރައި، ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގދ. ގައްދޫއަށް ނިސްބަތްވާ 59 އަހަރުގެ ފިރިހެނެކެވެ.
މިދިޔަ ހުކުރު ދުވަހު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ. އޭނާއާ ގުޅޭ ބަންދު އަމުރުގައި ބުނެފައި ވަނީ، އެ ފިހާރައިން ޗޮކްލެޓެއް ވަގަށް ނެގި މީހަކު ހިފަހައްޓާފައިވާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެތަނަށް ދިޔަ ކަމަށެވެ.
ފިހާރައިގެ އެޗްއާރް ފުލުހުންނާއި ބައްދަލުކޮށް ހާމަކުރި ގޮތުގައި، ފިހާރައިގެ ސީސީޓީވީ ރޫމުގައި އިން ސެކިއުރިޓީއަށް އެއް ޗޮކްލެޓް ވަގަށް ނަގައިގެން ޖީބަށް ލައިގެން ނުކުމެގެން ދާން އުޅުނުކަން ފާހަގަ ކުރެވުމުން އެމީހާ ހިފެހެއްޓީއެވެ. އަދި އޭނާ ފިހާރައިން ޗޮކްލެޓެއް ވަގަށް ނަގައިގެން ދާން އުޅުނިންތޯ ސުވާލު ކުރުމުން، އޭނާ އެކަމަށް އެއްބަސްވެފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ ބަންދު އަމުރުގައި ވެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި އެ މީހާއަކީ މީގެ ކުރިން ވެސް 29 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެކެވެ. އޭގެ ތެރެއިން 18 ފަހަރު އޭނާ ބަންދަށް ބަދަލު ކުރެވިފައިވެ އެވެ.









