"ސިވިލް ސޮސައިޓީ އެވޯޑު" އަށް ކުރިމަތިލުމުގެ މުއްދަތު ޖުލައި 17 އަށް އިތުރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 50 ދުވަސް ކުރިން - 13 ޖުލައި 2025 10:21
ސިވިލް ސޮސައިޓީ އެވޯޑު---
ސިވިލް ސޮސައިޓީ އެވޯޑު---
ޚުލާސާ

މަދަނީ ޖަމްއިއްޔާތަކުން ކުރާ ހިލޭސާބަހުގެ މަސައްކަތް ފާހަގަކުރަން ދެވޭ މި އިނާމް ލިބޭ ފަރާތްތަކަށް އެވޯޑާއި ސެޓްފިކެޓް ދޭނެ ކަމަށް ވުޒާރާއިން ފާހަގަކުރި.

ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުމަށްޓަކައި ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުން ހިލޭސާބަހަށް ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، އެ ޖަމްއިއްޔާތަކަށް ހިތްވަރުދިނުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ "ސިވިލް ސޮސައިޓީ އެވޯޑު" އަށް ކުރިމަތިލުމުގެ މުއްދަތު، އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި ކަަމަށް ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ޒުވާނުން ބާރުވެރިކުރުމުގެ ވުޒާރާއިން ބުނީ، މި އިނާމަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްއިއްޔާއެއް ނިސްބަތްވާ މުޖްތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި، މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ ހިދުމަތްތައް ކޮށްފައިވާ ޖަމިއްޔާތަކަށް ދެވޭ މުހިންމު އިނާމެއްކަމަށެވެ.

މި ފަހަރުގެ "ސިވިލް ސޮސައިޓީ އެވޯޑު" އަށް ޖުމްލަ ނުވަ ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އެ ދާއިރާތަކަކީ:

  1. އެމްޕަވާމަންޓް އޮފް ވޮމެން، ޗިލްޑްރަން، އެންޑް ޔޫތު
  2. ސަޕޯޓް ފޯ ޕީޕަލް ވިތު ޑިސޭބިލިޓީސް
  3. އެޑިއުކޭޝަން އެންޑް ލައިފްލޯންގް ލާނިންގް
  4. އިކޮނޮމިކް އެމްޕަވާމަންޓް އެންޑް ޕްރޮޑަކްޓިވިޓީ
  5. ޑްރަގް ޕްރެވެންޝަން އެންޑް ކޮމިއުނިޓީ ސޭފްޓީ
  6. ޕްރިޒާވޭޝަން އޮފް ކަލްޗާ، ލޭންގްވޭޖް، އެންޑް ހެރިޓޭޖް
  7. ޕްރޮމޯޝަން އޮފް އާރޓްސް، ކްރިއޭޓިވިޓީ، އެންޑް އައިސީޓީ
  8. އެންވާރަމަންޓަލް ޕްރޮޓެކްޝަން އެންޑް ކްލައިމެޓް އެކްޝަން
  9. ހެލްތު އެންޑް ވެލްބިއިން ޕްރޮމޯޝަން

ވުޒާރާއިން އިތުރަށް ބުނީ މަދަނީ ޖަމްއިއްޔާތަކުން ކުރާ މިފަދަ ހިލޭސާބަހުގެ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ދެވޭ މި އިނާމް ލިބޭ ފަރާތްތަކަށް، ޖަމިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މި އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމުގެ ސަބަބުން އިތުރު ޖަމިއްޔާތަކަށް މި ފުރުސަތުގެ ބޭނުން ހިފުމުގެ ފުރުސަތު ލިބިގެންދާނެކަަމަށްވެސް ވުޒާރާއިން ފާހަގަކުރިއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%