މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލުތަކުގައި ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ޓީމެއް، ފުރަތަމަ ފަހަރަށް ރާއްޖޭން ބޭރުގައި ހިންގި “ކައުންސެލިން އެންޑް މެންޓަލް ހެލްތް” ޓްރޭނިން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ރޭ އަނބުރާ މާލެ އައިސްފިއެވެ. މި ޓްރޭނިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސްރީލަންކާގެ ނިގަންބޯގައެވެ.
10 ދުވަހަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އެމްސީއެސްގެ ތިން ޖަލާއި ހެޑް އޮފީހުގެ އޮފިސަރުން ހިމެނޭ ގޮތަށް ޖުމްލަ 09 އޮފިސަރުންނާއި 01 ސިވިލް މުވައްޒަފަކު ބައިވެރިވެފައިވެ އެވެ.
“ކައުންސެލިންގ އެންޑް މެންޓަލް ހެލްތް” ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްރީ ލަންކާގެ ޕްރިޒަންސް ޑިޕަރޓްމަންޓްގެ ކޮމިޝަނަރު ޖަގަތު ވީރަސިންގައެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުހައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، ރިހެބިލިޓޭޝަން ދާއިރާގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމެވެ. އަދި މީގެ އިތުރުން، އެމްސީއެސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއި، މި ޓްރޭނިން ޕްރޮގްރާމްގެ ނަތީޖާއެއްގެ ގޮތުން ގައިދީން ރަނގަޅަށް ރިހެބިލިޓޭޓްކޮށް މުޖުތަމައުއަށް އަހުލުވެރިކުރުމަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު މަގުސަދެކެވެ.
މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސްރީ ލަންކާގެ ހެލްޕިންގ ހޭންޑް ސައިކޮލޮޖިކަލް ހޮސްޕިޓަލްއާ ގުޅިގެންނެވެ. ޕްރޮގްރާމްގައި ބައިވެރިވި ޓީމް ވަނީ ސްރީ ލަންކާގެ ޖެނެރަލް ސަރ ޖޯން ކޮޓެވާލާ ޑިފެންސް ޔުނިވަސިޓީއަށް ވެސް ޒިޔާރަތްކޮށްފައެވެ.






