ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް ފެސިލިޓީ ސަރަހައްދުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަލަށް ބިނާކުރި ޖަލު ޔުނިޓަށް ގައިދީން ބަދަލުކުރަން ފަށައިފި އެވެ.

ހުޅުމާލޭގެ ޕްލޮޓް ނަންބަރު 10623 ގައި އަލަށް ބިނާކުރާ ދެ ބުރީގެ މި އިމާރާތަކީ ޖުމްލަ 140 މީހުންގެ ޖާގައިގެ ޖަލު ޔުނިޓެކެވެ. މި ޔުނިޓުގައި ހިމެނޭ ފަސް ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބްލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، ފުރަތަމަ ބެޗްގެ 16 ގައިދީން އިއްޔެ ވަނީ އެ ޔުނިޓަށް ބަދަލުކޮށްފަ އެވެ.

މި ޔުނިޓަކީ ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން، އެކި ބާވަތުގެ ފަންނީ މަސައްކަތްތަކުގައި މާލޭ ސަރަހައްދުގައި އުޅޭ ގައިދީން ބޭތިއްބުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ތަނެކެވެ. އޭސީއާއެކު ބިނާކުރެވޭ މި ޔުނިޓުގައި ހޯލްޑިން ސެލްތައް ވެސް ހިމެނެ އެވެ.

ކަރެކްޝަންސްއިން މައުލޫމާތު ދޭ ގޮތުގައި، މި އިމާރާތުގެ ގްރައުންޑް ފްލޯގެ ހުރިހާ މަސައްކަތްތަކެއް އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ އެވެ. މި މަސައްކަތް އެއްކޮށް ނިމުމުން، ކޯޓުތަކަށާއި މެޑިކަލް ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީން ބޭތިއްބުމަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ އެވެ. އަދި މިކަމުގެ ސަބަބުން މިހާރު ކުރަންޖެހޭ ދަތުރުފަތުރުގެ ހަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ވެސް އެ މުއައްސަސާއިން ބުނެ އެވެ.

މިހާރު ކަރެކްޝަންސްއިން މި ހިދުމަތް ދެމުންދަނީ ޖާގައިގެ ދަތިކަމާއި ލޮޖިސްޓިކްސްގެ އުނދަގޫތަކުގެ އިތުރުން، މޫސުމީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ އެކުގަ އެވެ. މި އާ ޔުނިޓް ގާއިމްކުރުމުން، މީގެ ކުރިން އޮފިސަރުން އުފުލަންޖެހޭ ބުރަ މަސައްކަތްތަކަށާއި ކުރިމަތިވާ ރިސްކުތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ އެވެ.