އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ފީނަން އުޅުނު އެމެރިކާގެ ފަތުރުވެރިއަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މި މަހުގެ ހަވަނަ ދުވަހުގެ މެންދުރު 12:28 ހާއިރު ކަމަށެވެ.
އެ ހާދިސާގައި މަރުވެފައިވަނީ 47 އަހަރުގެ އެމެރިކާގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ މަރުވެފައިވަނީ ރިސޯޓުގެ ފުއްޓަރު ފަރާތު ބޭރުގައި ފީނަން އުޅެނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މިފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ. ބައެއް ހިތާމަވެރި ހާދިސާތަކުގައި ބޯޓުތަކުގެ ބުރަފަތީގައި ޖެހިގެންވެސް ފަތުރުވެރިން މަރުވެފައި އެބަ ހުއްޓެވެ.









