މޫސުން ވަރަށް ގޯސް، އިއްޔެ އެކަނިވެސް ކަނޑުމަތީގެ ހަތް ހާދިސާ!

މުހައްމަދު ޖަމްޝަތު | 11 ގަޑިއިރު ކުރިން - 10 ޖުލައި 2025 01:51
އިއްޔެ އެކަނިވެސް ކަނޑުމަތީގެ ހަތް ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނި. / ފޮޓޯ: ޚުލާސާ
އިއްޔެ އެކަނިވެސް ކަނޑުމަތީގެ ހަތް ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނި. / ފޮޓޯ: ޚުލާސާ
ޚުލާސާ

ޑިންގީއެއްގައި ގދ.ގައްދޫއިން ފުރި މީހަކު ގެއްލިފައިވާއިރު މ. އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯންޏެއްވެސް ގެއްލިގެން އަންނަނީ ހޯދަމުން.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައި ވާ އިރު، އިއްޔެ އެކަނިވެސް ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން ކޯސްޓްގާޑަށް ރިޕޯޓުކުރި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި އިއްޔެ މެންދުރު 12:00އިން ފެށިގެން ރޭގަނޑު 10:30އާ ހަމައަށް ރިޕޯޓްކޮށްފައިވާ ހާދިސާތަކުގެ ތެރޭގައި ޑިންގީއެއްގައި ގދ.ގައްދޫ އިން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި މީހަކު ގެއްލުމުގެ ހާދިސާއަކާއި، ރ.އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުނު ހާދިސާއަކާއި، އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުމުގެ ހާދިސާއެއް ހިމެނެ އެވެ.

އަދި 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.އަތޮޅު ދަރަވަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ސަފާރީ އުޅަނދެއް ދިޔަވުމުގެ ހާދިސާއަކާއި، ހަތަރު މީހުންނާއެކު މާލެ އަތޮޅު ގިރިފިނޮޅު ކައިރިން ލޯންޗެއް ފަރަށް އެރި ހާދިސާއަކާއި، މ.އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯންޏެއް ގެއްލުމުގެ ހާދިސާއަކާއި، އަށް ދިވެހީންނާއި ހަތަރު ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށްދިޔަ ހާދިސާ ހިމެނެއެވެ.

ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެނެ އެވެ. އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ. އަދި މ. އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯނި އަދި ފެނިފައިނުވާ އިރު، ދޯނި ހޯދުމުގެ މަސައްކަތްވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ ރ.އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ ފަތާފައި އެއަތޮޅު ދުވާފަރަށް އަރާފައިވާއިރު އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު އުޅަނދު މިހާރު ދަނީ، އެހެން އުޅަނދެއްގައި ކަފު ޖަހައިގެން މާލެ އައުމަށް ދަަތުރުކުރަމުން ކަމަށެވެ.

އަދި 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.ދަރަވަންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ސަފާރީ ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާއެކު ދަރަވަންދޫއަށް ބަނދަރުކޮށްފައި ކަމަށާއި ކ.ގިރިފިނޮޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި ލޯންޗުގައި ތިބި ހަތަރު މީހުން ވަނީ މިރޭގެ ވަގުތެއްގައި ކ.ހިންމަފުއްޓަށް ގެންގޮސްފައި ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން އަށް ދިވެހީންނާއި ހަތަރު ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަން އެކްސްޕްރެސް" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓު، ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ އަޑިއަށްގޮސްފައިވާ އިރު، އެ ބޯޓުގައި ތިބި އެންމެން ސަލާމަތްތެރިކަމާ އެކު ޖުލައި މާލެ ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރު ކަމަށްވާތީ އެކި ހިސާބަށް މޫސުން ގޯސްވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވުމަށާއި، ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް އިއްޔެއާއި މިއަދުވެސް ވައިޓްއެލާޓް ނެރެފައިވާއިރު ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ވާރޭވެހި ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%