ދަޑަކްގެ ދެވަނަ ބައެއް އަންނަނީތަ؟

އައިޝަތު ރުވާ ރިފްޢަތު | 7 ދުވަސް ކުރިން - 11 ޖުލައި 2025 08:47
"ދަޑަކް 2"ގެ ޕޯސްޓަރ
"ދަޑަކް 2"ގެ ޕޯސްޓަރ
ޚުލާސާ

މިހާރު އަންނަ "ދަޑަކް 2" އާ ދަޑަކްގެ ފުރަތަމަ ފިލްމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ދަރުމާ އިން ވަނީ ހާމަކޮށްފައި.

ބޮލީވުޑްގެ މައްޝޫރު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދަޑަކް" ގެ ދެވަނަ ބައި، "ދަޑަކް 2" އޮގަސްޓު 1 ގައި ނެރުމަށް ނިންމާފައިވާ ކަމަށް ދަރުމާ ޕްރޮޑަކްޝަންއިން އިއުލާންކޮށްފިއެވެ.

މި ފިލްމު ނެރޭ ތާރީޚާއެކު އާ ޕޯސްޓަރެއް ދައްކާލައި، ދަރުމާ އިން ބުނި ގޮތުގައި އަންނަ ހުކުރު ދުވަހު މި ފިލްމުގެ ޓްރެއިލާ ވެސް އާންމު ކުރާނެއެވެ.

ދަރުމާ އިން ކުރިން "ދަޑަކް" ގެ ނަމުގައި ފިލްމެއް ގެނެސްދީފައިވެއެވެ. އެއީ ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު ބޮލީވުޑަށް ތައާރަފުކުރުމަށް 2018 ވަނަ އަހަރު ޑައިރެކްޓަރު ޝިޝާންކް ކައިތާން ގެނެސްދިން ފިލްމެކެވެ. ނަމަވެސް، މިހާރު އަންނަ "ދަޑަކް 2" އާ އެ ފިލްމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ދަރުމާ އިން ވަނީ ހާމަކޮށްފައެވެ.

ޝާޒިއާ އިގްބާލް ޑައިރެކްޓްކޮށްފައިވާ މި އަސަރު ގަދަ ލޯބީގެ ފިލްމުގެ ލީޑް ތަރިންނަކީ ޓްރިޕްތީ ދިމްރީ އާއި ސިދާންތު ޗަތުރަވެދީ އެވެ. މި ޒުވާން ދެ ތަރިންގެ ޖޯޑު ބޮޑު ސްކްރީނުން އެކީގައި ފެނިގެންދާ މިއީ ފުރަތަމަ ފަހަރެވެ.

މި ފިލްމަކީ ބޮލީވުޑްގެ މިހާރުގެ ކާމިޔާބު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ދަރުމާ އިން މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ ހަތަރު ވަނަ ފިލްމެވެ. މި އަހަރު ދަރުމާ އިން ނެރުނު ފުރަތަމަ ފިލްމަކީ ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހިމް އަލީ ޚާން ތައާރަފުކުރަން މާޗްގައި ގެނެސްދިން "ނާދާނިޔާން" އެވެ.

މީގެ އިތުރުން، ދަރުމާގެ ދެ ފިލްމެއް މި މަހުގެ ތެރޭގައި ބެލުންތެރިންނާ ހަމައަށް އަންނާނެއެވެ. އެއީ ހުކުރު ދުވަހު ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "އާޕް ޖޭސާ ކޮއީ" އާއި މި މަހުގެ 25 ގައި ޖިއޯހޮޓްސްޓާ އިން ޕްރީމިއާ ކުރަން ނިންމާފައިވާ "ސަރްޒަމީން" އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%