މެލޭޝިއާ ކިޔަވާ އެހެން ގައުމުތަކުގެ ދަރިވަރުންގެ އަތުން ނަގަން ނިންމި ހަ ޕަސެންޓުގެ ޓެކްސް, ދިވެހި ދަރިވަރުންނަށް ބުރައަކަށް ނުވާނެ ގޮތް ދިވެހި ސަރުކާރުން ހަމަޖައްސައިދީފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީން ދީފައިވާ ސްކޮލާޝިޕްތަކުގެ ދަށުން މެލޭޝިޔާގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން، އެ ދަރިވަރަކު ކިޔަވަމުން އަންނަ ޔުނިވާސިޓީ ނުވަތަ އިންސްޓިޓިއުޓްތަކުން އެ މިނިސްޓްރީއަށް ފޮނުވާ އިންވޮއިސްގައި އެ ޓެކްސް ހިމެނުމުން، މިހާރު ވެސް ފައިސާ ދައްކަމުން އަންނަ ގޮތަށް އެ އަދަދު ވެސް ހިމަނައިގެން، ފައިސާ ދައްކަމުން ގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެ ބަދަލާ ގުޅިގެން, މިނިސްޓްރީން ދޫކުރާ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން މެލޭޝިޔާގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ ކޯސް ފީއަށް ޓެކްސް ފީގެ ގޮތުގައި އިތުރުވާ ފައިސާ, ދަރިވަރުގެ އެދުމުގެ މަތީން އެ ދަރިވަރެއްގެ ލޯނުގެ ތެރެއަށް އިތުރުކޮށްދޭ ގޮތަށް ވެސް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ގޫގުލް ލިންކް, https://forms.gle/LHwgjTf2V5ZBRAuv5 މެދުވެރިކޮށް އެ ފައިސާ ލޯނެއްގެ ގޮތުފައި ހަމަޖެއްސުމަށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
މެލޭޝިއާގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުންގެ ކޮލެޖު ފީ އިން ހަ ޕަސެންޓުގެ ޓެކްސެއް މި މަހުން ފެށިގެން ނަގަން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. ކޮލެޖު ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 ރިންގިޓް ކަނޑައަޅާފައިވާ ތައުލީމީ މަރުކަޒުތަކުން އެ ޓެކުހަށް ރަޖިސްޓްރީކުރަން ވަނީ ލާޒިމުކޮށްފަ އެވެ.