ދިވެހިރާއްޖެއާއި ކެރިބިއަން ސަރަހައްދުގެ ޖަޒީރާ ގައުމެއް ކަމަށްވާ ކޮމަންވެލްތް އޮފް ޑޮމިނިކާ ދެމެދު "އެގްރީމަންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަމަންޓްސް ފޯ ދެއަ ރެސްޕެކްޓިވް ސިޓިޒެންސް" ގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މި އެއްބަސްވުމާއެކު ދިވެހިންނަށް ދުރާލާ ވިސާ ނެގުމަކާއި ނުލައި ޑޮމިނިކާއަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ދުރާލާ ވިސާ ނެގުމަކާއި ނުލައި ޑޮމިނިކާއަށް ދަތުރުކޮށް، އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބެވޭނެ އެވެ. ހަމަ އެފަދައިން، ޑޮމިނިކާގެ ރައްޔިތުންނަށްވެސް ވިސާނެގުމެއްނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެ އެވެ. މިއީ ދެ ގައުމުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ވެވުނު މުހިންމު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އ.ދ. އަށް ޑޮމިނިކާއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބަޓް އެރޮން އެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުން އެއް ގެއުމުން އަނެއް ގެއުމަށް ފަސޭހަކަމާއެކު ދަތުރުކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ އެވެ. މިއީ ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކާ އެކު ބާއްވަމުން ގެންދާ ގުޅުންތައް ފުޅާކުރުމުގެ މުހިންމު ފިޔަވަޅެކެވެ.
ދިވެހިރާއްޖެއިން ޑޮމިނިކާއާއެކު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 21 ޖުލައި 2004 ގައެވެ.









