އެމެރިކާ އަކަށް އީރާނާއި ނުކުޅެވޭނެ ކަމަށާއި، އެމެރިކާއިން ކިތަންމެ އިންޒާރެއްދީ ބިރުދައްކަން މަސައްކަތް ކުރިޔަސް އީރާނަކުން ނިއުކްލިއާ މަސައްކަތް ހުއްޓައިނުލާނެ ކަމަށާޢި، އެމެރިކާ ޖެހޭނީ ކުޑަކަކޫ މައްޗަށް ތިރިވާން ކަމަށް ބުނެ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އިންޒާރު ދެއްވައިފިއެވެ.
އީރާނުން ވަނީ ނިއުކްލިއާ މުއްސަނދިކުރުމުގެ މަޝްރޫއު ދޫކޮށްނުލާނެ ކަމަށް ފާޅުގައި އިޢުލާން ކޮށްފައެވެ. އަދި އދ. އިން އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރާ ސައިޓްތަކުގައި ނިއުކްލިއާ ހަތިޔާރު އުފައްދަފާނެތީވެ އެކަންކަން މޮނިޓަރ ކުރުމަށް ބަހައްޓާފައިވާ ހުރިހާ ކެމެރާތައްވެސް މިހާރު ވަނީ ބަންދުކޮށްލާފައެވެ.
ޚާމަނާއީ ދެއްކެވި ވާހަކަފުޅުގައި، ޔޫރޭނިއަމް މުއްސަނދިކުރުމަކީ އީރާނުގެ އިސްތިޤްލާލީ ޙައްޤެއް ކަމަށާއި ޔުރޭނިއަމް މުއްސަނދިކުރުމެއް ނެތި އީރާނަށް ބާރުވެރިކަން ނުހޯދޭނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޔުރޭނިއަމް މުއްސަނދިކުރަނީ އީރާނުގެ ބާރު ދެމެހެއްޓުމަށް ކަމަށް ވިދާޅުވިއެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާއި ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމަ ވެސް ހުއްޓައިލަން ޖެހުނީ އީރާނުގެ ޙަމަލާތަކުން އިސްރާއީލް މުޅިން ފުނޑޭނެކަން އެމެރިކާއަށް ވެސް ޔަޤީން ވުމުންނާއި އަދި މެދުއިރުމަތީގައި ޤާއިމް ކޮށްފައިވާ އެމެރިކާގެ ބޭސްތަކަށް އީރާނުން ޙަމަލާ ދޭން ފެށުމުންނެވެ.
އިސްރާއީލާއި އެމެރިކާއިން ވަނީ އީރާނަށް ވެސް ގެއްލުންތަކެއް ދީފައެވެ. ނަމަވެސް އީރާނުން ބުނަނީ އަރައިނުގަނެވޭނެ ވަރުގެ ގެއްލުމެއް ނުލިބޭ ކަމަށެވެ. އީރާނުން މިހާރު ވަނީ ޗައިނާއިން އުފައްދާފައިވާ އެއާ ޑިފެންސް ސިސްޓަމްތައް ގެންގޮސްފައެވެ. އޭގެތެރޭގައި އެޗްކިއު‐9ބީ އަދި އެޗްކިއު‐17އޭއީ ބެޓެރީ ހިމެނެއެވެ.
އެމެރިކާގެ މަޤްޞަދަކީ އީރާނުގެ ފަރުބަދަތަކުގެ އަޑީގައި ޤާއިމްކޮށްފައިވާ ނިއުކްލިއާ ހަތިޔާރު އުފައްދާ ކަމަށް ޝައްކުކުރެވޭ ކާރުޚާނާތައް ފުނޑާލުމަށެވެ. ނަމަވެސް އެމެރިކާގެ ޙަމަލާތައް އެހާހިސާބަށް ފޯރާފައެއް ނުވެއެވެ.
އެމެރިކާއިން ސައިޒްވާން ޖެހޭނެ ކަމަށާއި ކުޑަކަކޫމައްޗަށް ތިރިވާން ޖެހޭނެ ކަމަށް އީރާނުން ބުނިއިރު، ނިމިގެންދިޔަ 12 ދުވަހުގެ ހަނގުރާމައިގައި ރަޝިއާ އިން ވެސް ތާއީދުކުރީ އީރާނަށެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އޭރު ވަނީ ހުޅަނގަށް އިންޒާރު ދެއްވައި، އީރާނަށް ހަމަލާ ދީފިނަމަ އެކަމުގެ ހިތި ވަރަށް ނުރައްކާވާނެކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވައި އިންޒާރު ދެއްވާފައެވެ. އަދި ސަރަހައްދުގެ ހަމަޖެހުން ގެއްލިގެންދާނެ ކަމަށާއި އޭގެ ސަބަބުން ބޮޑެތި ނަތީޖާތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވެ ޕޫޓިން އިންޒާރު ދެއްވިއެވެ.
މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާއިން އީރާނަށް ދޭ ކޮންމޙަހަމަލާއަކަށް އީރާނުން ވަރަށް ވަރުގަދަ ރައްދެއް ދޭނެއެވެ. އީރާނުގައި އަޑަށް ވުރެ އެތައް ގުނައެއް ބާރަށް ދަތުރުކުރާ ހަލުވި މިސައިލްތައް ހުރިއިރު، އީރާނުގެ ބައެއް މިސައިލްތައް ހުއްޓުވުމުގެ ޤާބިލްކަމެއް އެމެރިކާއަށް އެއްވެސް މިންވަރަކަށް ލިބިގެން ނުވެއެވެ. އަނެއްކޮޅުން ސަރަހައްދީ މިލިޝިއާތައް ބޭނުންކޮށްގެން ވެސް އެމެރިކާގެ މަސްލަޙަތު ހިމެނޭ ތަންތަނަށް އީރާނުން ޙަމަލާތައް ދޭނެއެވެ.