ބަންގްލަދޭޝްގެ ރައްޔިތަކު ހޯދުމަށް ރާއްޖޭގެ އިމިގްރޭޝަނުން މިއަދު އިއުލާނުކޮށްފިއެވެ.
އިމިގްރޭޝަނުން ހޯދުމަށް އިޢުލާނުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ އެމްޑީ ޗޯތަން މިއަށް އެވެ.
އިމިގްރޭޝަނުން އިޢުލާނުކޮށްފައިވަނީ ކުރިއަށް އޮތް ފަތް ދުވަހުގެ ތެރޭގައި އޭނާ އިމިގްރޭޝަނަށް ހާޒިރުވުމަށެވެ. އޭނާ ހާޒިރުވުމަށް އަންގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އެންފޯސްމެންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަނުގެ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށެވެ.
އާއްމުގޮތެއްގައި އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރުގައި ބައިތިއްބަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާކަމަށް ފާހަގަކުރެވިފައިވާ ބިދޭސީން ޑީޕޯޓުކޮށްލުމަށެވެ.
ނަމަވެސް އެމީހާ ހޯދުމަށް އިޢުލާނުކޮށްފައިވަނީ ކޮން ސަބަބަކާހުރެ ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
އެމީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ވާނަމަ އިމިގްރޭޝަނުގެ ނަންބަރު 7980408 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް މެއިލްކުރެއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރު އިދާރާތައް ގުޅިގެން އަންނަނީ ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. ސަރުކާރުގެ އަމާޒަކީ ތިން އަހަރުގެ ތެރޭގައި މި މައްސަލަ އެއްކޮށް ހައްލުކުރުމެވެ.