ސްކޭމްގެ މައްސަލަތަކާ ގުޅޭގޮތުން އިސްރަށްވެހިން ހޭލުންތެރިކުރުވައިފި

އަައިޝަތު ޒީނާ | 5 ގަޑިއިރު ކުރިން - 9 ޖުލައި 2025 15:20
ސްކޭމްތަކާ ގުޅޭގޮތުން އިސްރަށްވެހިން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރިއަށްގެންދިޔަ ސެޝަން. / ފޮޓޯ: ފުލުހުން
ސްކޭމްތަކާ ގުޅޭގޮތުން އިސްރަށްވެހިން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރިއަށްގެންދިޔަ ސެޝަން. / ފޮޓޯ: ފުލުހުން
ޚުލާސާ

މި ސެޝަނުގައި، ސްކޭމްތަކުގެ ބާވަތްތަކާއި އޮންލައިންކޮށް ހިންގާ މަކަރާއި ޙީލަތުގެ ޢަމަލުތަކާއި، ފޯނުން ގުޅައިގެން މަކަރާއި ޙީލަތުން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކުން ރައްކާތެރިކުރުވުމަށް މަޢުލޫމާތު ދީފައިވޭ.

ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ހެންވޭރު ޕޮލިސް ނެއިބަހުޑް ސަޕޯޓާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އިސްރަށްވެހިންގެ ނާދީގައި ކަމަށެވެ.

މި ސެޝަނުގައި، ސްކޭމްތަކުގެ ބާވަތްތަކާއި ހާއްސަކޮށް އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކާއި، ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، އިސްރަށްވެހިންނަކީ ސްކޭމްކުރާ ފަރާތްތަކުގެ ޝިކާރައަކަށްވުމުގެ ފުރުސަތު ބޮޑު ބައެއް ކަމަށްވާތީ، އެފަދަ އަމަލުތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ކިޔައީފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ. އެގޮތުން، ނުދަންނަ ނަންބަރުތަކުން ގުޅިޔަސް އަދި އެފަދަ ނަންބަރަކުން މެސެޖެއް އައިކަމުގައި ވިޔަސް ޖަވާބު ނުދިނުމަށާއި ގޮތްނޭނގޭ އެއްވެސް ލިންކަކަށް ނުވަނުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ޒާތީ މައުލޫމާތާއި ބެންކު އެކައުންޓާއި ކޭޝްކާޑާއި ޕިންނަމްބަރު ފަދަ މައުލޫމާތު ނުދިނުމަށާއި ފައިސާގެ މުއާމަލާތްތައް ކުރާއިރު ސަމާލުވުމަށް ބުނެދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މުޖުތަމައުގެ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ހާއްސަކޮށް އިސްރަށްވެހިންނަށް ދިމާވެދާނެ މާލީ ގެއްލުންތަކުން ރައްކާތެރިކޮށް، ސަލާމަތީ ކަންކަން ހަރުދަނާކުރުމަށްޓަކައި މި ސެޝަނަކީ ވަރަށް މުހިންމު ސެޝަނެއް ކަމުގައި އިސްރަށްވެހިންގެ ނާދީގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންނާއި ނާދީ ގުޅިގެން މިފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި ވަރަށް ބޭނުންތެރިކަމެއް ކަމަށާއި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މިފަދަ ޕްރޮގްރާމްތައް އިތުރަށް ކުރިއަށް ގެންދާނެކަމަށް ވެސް ފާހަކޮށްފައިވެއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%