ޣައްޒާގެ މުސްލިމުން ނެތިކޮށްލުމަށް އިސްރާއީލުން ހިންގަމުންދާ ލޭއޮހޮރުވުނަތަކުގެ ސަބަބުން، އެކަމާއި ދެކޮޅަށް ރަތްކަނޑުގައި ހިންގާ ޙަރަކާތްތަކުގެ ސަބަބުން އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އިންޝޫރެންސް ފީ ބޮޑުވެ އެ އުޅަނދުތަކުން އުފުލާ މުދަލުގެ އަގުތައް ބޮޑުވާން ފަށައިފިއެވެ.
ޔަހޫދީން ކޮންމެ ދުވަހަކު ވެސް ގެންދަނީ ފަލަސްޠީނުގެ ރައްޔިތުން ޝަހީދު ކުރަމުންނެވެ. މިކަމާއި ގުޅިގެން އެ މީހުންނަށް މުދާ އުފުލައިދޭ ބޯޓުފަހަރުތަކަށް ޔަމަނުން ދަނީ ޙަމަލާ ދެމުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު އިންޝުއަރެންސް ބްރޯކަރު، މާޝް މެކްލެނަން ބުނިގޮތުގައި، މި ހަފްތާގައި ގްރީކަށް ނިސްބަތްވާ މުދާ އުފުލާ ބޯޓު 'މެޖިކް ސީސް'އަށް ދިން ހަމަލާއަށްފަހު، ހަނގުރާމައާ ގުޅުންހުރި ކަންކަމަށް ދައްކަންޖެހޭ އިންޝުއަރެންސް ޕްރީމިއަމް ވަނީ ބޯޓެއްގެ އަގުގެ 0.4 އާއި 1 ޕަސަންޓައި ހަމަޔަށް އުފުލިފައެވެ. މާނައަކީ، 100 މިލިއަން ޑޮލަރުގެ ބޯޓެއްގެ އިންޝުއަރެންސްގެ ހަރަދު، ކޮންމެ ދަތުރަކަށް 300,000 ޑޮލަރާއި 1 މިލިއަން ޑޮލަރުގެ ދެމެދުގައި ހުންނާނެ ކަމެވެ.
ރިޕޯޓުތައް ބުނާގޮތުން، ޔަހޫދީންގެ މުދާތައް ސަޕްލައި ކޮށްދޭ މެޖިކް ސީސް ބޯޓު ފައްތާލާފައި ވަނީ ހޫޘީންނެވެ. މީގެ އިތުރުން ލައިބީރިއާގެ ދިދަ ނަގައިގެން ދަތުރުކުރާ ކޮސްމޯޝިޕްގެ އޮޕަރޭޓިންގް ބޯޓެއް ކަމަށްވާ 'އެޓާނިޓީ ސީ'އަށް، ވެސް މި ހަފްތާގައި ހޫޘީން ހަމަލާ ދިނެވެ. މި ހަމަލާގައި ތިން މީހުން މަރުވެ، އިތުރު ބަޔަކަށް ވަނީ އަނިޔާވެފައެވެ.
ބޯޓުތައް އޮޕަރޭތްކުރާ ކުންފުނިތަކުން އިންޝޫރެންސް ފީ ބޮޑުކުރީ ޔަހޫދީން ޣައްޒާއަށް ޙަމަލާ ދޭތީވެ ބަދަލު ހިފުމުގެ ގޮތުން ހޫޘީން ދިފާނެ ޙަމަލާއަކުން އެ ބޯޓުތަކަށް ލިބޭ ގެއްލުން ކަވަރު ކުރުމަށެވެ.
ހޫޘީން ބުނީ ޔަހޫދީން ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޤަތުލުޢާންމު ހުއްޓާލައިފިނަމަ ރަތްކަނޑުގައި ޔަހޫދީންނާއި ދެކޮޅަށް ހިންގާ އޮޕަރޭޝަން ހުއްޓައިލާނެ ކަމަށާއި ޔަހޫދީންގެ މުދާތައް އުފުލައިދޭ ބޯޓުތަކަށް ވެސް އަމާންކަން އޮންނާނެ ކަމަށެވެ.









