މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމް.ސީ.އެސް) އާއި ކުނި މެނޭޖްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ ސޮނެވާ ނަމޫނާއާ ދެމެދު، ޖަލުތަކުން އުކާލާ ކުނި ބޭނުންކޮށްގެން ގަސްކާނާ އުފެއްދުމުގެ މަސައްކަތް ފެށުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ކަރެކްޝަނަލް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް، ޙަސަން ޒަރީރެވެ. ސޮނެވާ ނަމޫނާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަޒްހޫރާ އަހްމަދެވެ.
މި މަސައްކަތް ފެށުމުގެ މައިގަނޑު ބޭނުންތައް ހާމަކުރައްވަމުން ކަރެކްޝަނަލް ސާވިސްއިން ބުނީ، ޖަލުތަކުން އުކާލާ ކުނި ތިމާވެށްޓާ ރައްޓެހި އަދި ފައިދާ ލިބޭނެ ގޮތަކަށް މެނޭޖުކުރުމަކީ މި މަޝްރޫއުގެ މުހިންމު މަގުސަދެއް ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން އުފައްދާ ގަސްކާނާ ބޭނުންކުރާނީ ޖަލުތަކުގައި މިހާރުވެސް ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ ދަނޑުވެރިކަމުގެ މަސައްކަތްތަކުގައި ކަމަށާއި މިއީ ގައިދީންނަށް އާ ހުނަރު ދަސްކޮށްދިނުމަށާއި، ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށްވެސް އެޅޭ ފިޔަވަޅެއް ކަމަށް ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން، ކުނިން ގަސްކާނާ އުފެއްދުމަށް ބޭނުންވާ އާލާތްތައް ސޮނެވާ ނަމޫނާއިން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، ގަސްކާނާ އުފައްދާނެ ގޮތުގެ ތަމްރީން ސެޝަންތައް ބާއްވައި، މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި ހުނަރު ދަސްކޮށްދިނުމަށްވެސް ހަމަޖެހިފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.