ދެކުނާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން ބުނީ ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ.
ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓުން ބުންޏެވެ. އަދި ރާޅުގެ އުސްމިނުގައި 2 - 5 ފޫޓު ހުންނާނެ ކަމަށް މެޓުން ބުންޏެވެ.
މެޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ޏ. ފުވައްމުލަކަށާއި ގއ. ކޫއްޑޫއަށެވެ. އެގޮތުން ފުވައްމުލަކަށް 41.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު ކޫއްޑޫއަށް 40.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.