އެޑްވައިޒަރީ މަގާމެއްގައި ހުންނަވައިގެން އެޗްޑީސީއަށް އެހީތެރިވުމަށް ބޭނުން: މައުރޫފް

އައިޝަތު ރުވާ ރިފްޢަތު | 9 ގަޑިއިރު ކުރިން - 9 ޖުލައި 2025 08:03
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް
ޚުލާސާ

މަގާމުން ރިޓަޔާ ކުރެއްވިނަމަވެސް، ކުންފުނީގެ އެކި ކަންކަމުގައި ލަފާ ދިނުމުގެ ދައުރެއް އަދާކުރައްވަން ބޭނުންފުޅުވާކަމަށް މައުރޫފް ވިދާޅުވި.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިވެވަޑައިގަތަސް، އެ ކުންފުންޏަށް އެޑްވައިޒަރީ މަގާމެއްގައި ހުންނަވައިގެން އެހީތެރިވުމަށް ބޭނުންފުޅުވާކަމަށް މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ. މައުރޫފް މިފަދައިން ވިދާޅުވީ، އޭނާ ރިޓަޔާ ކުރެއްވުމާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މައުރޫފް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ. މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ރިޓަޔަމަންޓުގައި ހުންނެވުމަށްފަހު އެ މަގާމާއި އޭނާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ކަމަށެވެ.

"ސެމީ ރިޓަޔަރމެންޓުގައި އަޅުގަނޑު ހުރެފައި މި އައީ. މަޤާމަށް އައުމުގެ އެއް ސަބަބަކީ މިކަމުގެ މުހިންމު ކަމާއެކު އެޗްޑީސީއަށް އިސްލާހުތަކެއް ގެންނަން ބޭނުންވާތީ. ރާއީސް ރިކުއެސްޓް ކުރެއްވީމަ ބަލައިގަންނަން ޖެހޭނެ ކަމަށް ޤަބޫލުކުރައްވާތީ. ކުޑަ ދުވަސްކޮޅަކަށްވެސް ކޮށްދެވޭނެ ކަންކަން ޔަޤީންވާތީ،" މައުރޫފް ވިދާޅުވިއެވެ.

އެގޮތުން މަގާމާއި ހަވާލުވުމަށްފަހު އެޗްޑީސީއަށް އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ކުރެއްވިކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. އެންމެ އިސްކަމެއް ދެއްވީ ހުޅުމާލޭގެ މާސްޓަޕްލޭނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްކަމަށާއި ދެން އެންމެ ބޮޑު އިސްކަމެއް ދެއްވީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އިސްލާހީ ބަދަލުތަކެއް ގެނައުމަށްކަމަށް މައުރޫފް އަލިއަޅުވާލެއްވިއެވެ. އަދި އެ ދެ ލަނޑުދަނޑިވެސް ހާސިލުވިކަން މައުރޫފް ފާހަގަކުރެއްވި އެވެ.

މަގާމުން ރިޓަޔާ ކުރެއްވިނަމަވެސް، ކުންފުނީގެ އެކި ކަންކަމުގައި ލަފާ ދިނުމުގެ ދައުރެއް އަދާކުރައްވަން ބޭނުންފުޅުވާކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި އެގޮތަށް ކަންކަން ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މައުރޫފް ރިޓަޔާ ކުރައްވަން ނިންމާފައިވާއިރު، އެޗްޑީސީއަށް މިހާތަނަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައިވާކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އަދި ކުންފުނީގެ ކުރިމަގުވެސް އޮތީ އުޖާލާކޮށް ކަމަށާއި ކުންފުނި ބާރަށް ހިންގާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މުހައްމަދު މައުރޫފް ޖަމީލަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ތަރައްގީގައި މިހާރު ފެންނަ ކުރިއެރުންތައް ހޯދުމުގެ އެންމެ އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެެއްކަންވެސް ފާހަގަކުރެވެ އެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%