ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި, އެ އެއާޕޯޓް ރަސްމީކޮށް މިއަދު އިފުތިތާހުކޮށްފި އެވެ.
އެކަމަށްޓަކައި އެ ރަށުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މާފަރު އެއާޕޯޓް ރަސްމީކޮށް އިފުތިތާހުކުރުމަށް މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ ބޯޓު އޭ330-200ގެ ހާއްސަ ދަތުރެއް ވެސް ބޭއްވި އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރީ އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ އެހީގަ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މަސައްކަތަށް 76 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
ފުރަތަމަ ފިޔަވަހީގައި ހެދި 2.2 ކިލޯމީޓަރުގެ ރަންވޭ ދެވަނަ ފިޔަވަހީގައި 2.8 ކިލޯމީޓަރަށް ބޮޑުކޮށް, އެންމެ ބޮޑެތި މަތިންދާބޯޓަށް ޖެއްސޭ ވަރަށް ވަނީ ތަރައްގީކޮށްފަ އެވެ. ޓާމިނަލް އިމާރާތާއި ވީއައިޕީ ލައުންޖު ވެސް ތަރައްގީކޮށް, ފަޔަ އެންޑް ރެކްސިއު ސްޓޭޝަނާއި ކޮންޓްރޯލް ޓަވަރާއި ޕެސެންޖަ ޖެޓީ ވެސް ހަދައިފަ އެވެ.
ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މާފަރު އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށީ ޑިސެމްބަރު 1، 2019 ގަ އެވެ.