
ހޮޓެލް ޖެންގައި ބޭއްވި "އޭވިއޭޝަން ފޯރަމް 2026 - ކަނެކްޓިންގ މޯލްޑިވްސް"ގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވާހަކަފުޅު ދައްކަވަނީ.
ރާއްޖޭގެ މައި ދޮރާށީގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ދައުރު ވަރުގަދަކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، މިހާރު ވެސް އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭ އިން ހޯދާފައި ވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޮޓެލް ޖެންގައި ބޭއްވި "އޭވިއޭޝަން ފޯރަމް 2026 - ކަނެކްޓިންގ މޯލްޑިވްސް"ގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، "ދަ ނިއު ޖާނީ އިން 3 ޕާޓްސް: ކެޕޭސިޓީ، ރެވެނިއު އެންޑް އެފިޝަންސީ" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ވީއައިއޭ އިން ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެމްއޭސީއެލްއިން ހިންގާ ވިޔަފާރީގެ އެކިއެކި ދާއިރާތަކާއި ކާގޯގެ ޚިދުމަތްތައް ހިމެނޭހެން އޮޕަރޭޝަނަލް ދާއިރާތަކުން ހޯދި ބޮޑެތި ކުރިއެރުންތަކާއެކު ކުރިއަށް އޮތްތަނުގައި އަންނާނެ ޑިމާންޑަށް ބަލައި، ކާގޯގެ ޚިދުމަތް ފުޅާކުރުމަށާއި ފަސިންޖަރުންގެ ހިތްހަމަޖެހުމާއި ފަސޭހަކަމަށް ބޭނުންވާ އިތުރު އުމްރާނީ މަސައްކަތްތައް ހިންގުމަށް އެމްއޭސީއެލް އިން އިތުރު ޕްލޭންތައް ހަދަމުން އަންނަކަންވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.










