ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ވަޒީރު ޝަހީމްއާ ބައްދަލުކުރައްވައިފި

އަައިޝަތު ޒީނާ | 4 ގަޑިއިރު ކުރިން - 8 ޖުލައި 2025 12:57
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ވެސް ސަފީރަށް އަރުއްވާފައި. / ފޮޓޯ: ވުޒާރާ
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ވެސް ސަފީރަށް އަރުއްވާފައި. / ފޮޓޯ: ވުޒާރާ
ޚުލާސާ

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައި.

ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ބައްދަލުކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ ސަޢުދީ ސަފީރު ވުޒާރާއަށް މިއަދު ޒިޔާރަތް ކުރައްވުމާއެކު ވުޒާރާއިން ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށެވެ. ސަފީރަށް މަރުޙަބާ ދެންނެވީ ވަޒީރު ޝަހީމް އަދި ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުން ކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ ސަފީރު ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައި ކަމަށެވެ.

މި ޒިޔާރަތުގައި ސަފީރު ވަނީ ވަޒީރާއި ވުޒާރާގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައި ކަމަށް ވުޒާރާއިން ބުންޏެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި، ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައި ކަމަށް ވުޒާރާއިން ބުންޏެވެ. އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން ވުޒާރާގެ ކަންކަމުގައި ބަހައްޓަވާ އިސްކަމާއި ދެއްވާ އެހީތެރިކަން ވަޒީރު ފާހަގަކުރައްވާފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ވެސް ސަފީރަށް އަރުއްވާފައި ކަމަށް ވުޒާރާއިން ބުންޏެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު ވަނީ ގުޅުން އިތުރަށް ބަދަހިވެގެންގޮސްފައެވެ. އެގޮތުން ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ސީދާ އިރުޝާދުފުޅާއެކު މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ޙައްޖުވެރިންނަށް ވަނީ ޚާއްސަ އިންތިޒާމްތަކެއް ވެސް ހަމަޖައްސަވައިދެއްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%