އެމެރިކާގެ ސިޔާސަތަށް ބޮޑު ބަދަލެއް ގެނެސް، ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ސީރިއާގައި މިހާރު ވެރިކަންކުރާ ހަޔާތު ތަހުރީރު އަލް ޝާމް (އެޗްޓީއެސް)ގެ ނަން އުނިކޮށްފިއެވެ.
ސީރިޔާގެ ވެރިކަމުގައި މިހާރު ހުންނެވި އަޙްމަދު އަލް ޝަރާޢާ އަކީ ކުރިން އަލްޤައިދާގެ ސީރިއާ ވިންގުގައި މަސައްކަތްކުރި ލީޑަރެކެވެ. އެ ވިންގަށް ކިޔާ ނަމަކީ އަލް ނުސްރާ ފްރަންޓް އެވެ.
އަލް ނޫސްރާ އިން އުފެދުނު ހަނގުރާމަވެރި ޖަމާޢަތް ކަމަށްވާ އެޗްޓީއެސް އިން އަލްގައިދާ އާއި ގުޅުން ރަސްމީކޮށް ކަނޑައިލީ 2016 ވަނަ އަހަރު އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ގޮތުގައި އަޙްމަދު އަލް ޝަރާޢާގެ ވެރިކަމުގައި ސީރިޔާގެ އައު ސަރުކާރުން އިސްރާއީލާއި ގުޅުން ބާއްވާނެއެވެ. އަދި ސީރިއާގެ ސަރުކާރަކީ އެމެރިކާގެ ގޮނޑިކޮއްކޮ އެއް ކަމަށް ބައެއް ރިޕޯޓުތަކުން މިހާރު ފާހަގަ ކުރެއެވެ. ޓެރަރިސްޓް ލިސްޓުން ސީރިއާގެ މިހާރުގެ ސަރުކާރުގައި ހިމެނޭ މީހުންގެ ނަންތައް ފޮހެލީ ވެސް ޑީލެއްގެ ތެރެއިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އަލްޝަރާގެ ސަރުކާރުން އިސްނަގައިގެން މި އަހަރުގެ މެއި މަހު ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއި ވެސް ބައްދަލުކުރެއްވިއެވެ. އަދި ޓްރަމްޕާއި އެކު ސީރިއާގެ އައުވެރިޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި އިސްރާއީލާއި ގުޅުން ބޭއްވުމަށް ޓްރަމްޕް ޝަރުޠު ކުރައްވާފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައި ވެއެވެ.
އެޗްޓީއެސް އިން އަސަދުގެ ވެރިކަން ފުރޮޅައިލީ އެމެރިކާ އާއި ހުޅަނގުން އަޑީގައި އޮވެ ތުރުކީ އާއި މިޞްރާއި ލުބުނާނާއި ޤަޠަރުގެ އެހީތެރިކަމާ އެކުގައި ކަމަށް ތުހުމަތު ކުރެުުުުުުއެވެ. އެންމެ ބޮޑު ސަބަބަކީ ބަޝާރުލް އަސަދަކީ އިސްރާއީލަށް ހުރި ބިރެއް ކަމަށް ވާތީއެވެ.
އަސަދާއި ދެކޮޅަށް ސީރިއާ ތެރޭގައި ހުޅަނގާއި އެމެރިކާއިން ފަންޑު ކޮށްގެން ހައިޖާނުތައް ހެދުމަށް ޖަމާޢަތްތަކެއް އުފެއްދިއެވެ. އެއާއެކު ހިނގި ދާޚިލީ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 507،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ގެދޮރު ގެއްލުނު މީހުންގެ ޢަދަދު ދެމިލިއަނަށް އަރައެވެ.
އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު، އެ ވެރިކަމާއި ޚިލާފަށް ދިމިޝްގުގެ މިހާރުގެ ސަރުކާރުން ފޯކަސް ކުރަނީ ހުޅަނގާއި ގުޅުން ބަދަހި ކުރުމަށެވެ.









