އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް މި އަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ދިނުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރަސްމީކޮށް ހުށަހަޅައިފިއެވެ.
ނަތަންޔާހޫ އަކީ ސުލްޙައިގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ފަސާދަކުރާ އަދި ފަސާދަކުރަމުންދާ ނުބައި ނުލަފާ ޒައެނިސްޓެކެވެ. ޓްރަމްޕުގެ އެހީއާއެކު އޭނާ ގެންދަނީ ފަލަސްޠީނުގެ މުސްލިމުން ޝަހީދުކުރަމުންނެވެ. އަނެއްކޮޅުން ބަލާއިރު ޓްރަމްޕަކީ ޣައްޒާގެ ބިން އެމެރިކާގެ ތަނަކަށް ހަދާނަމޭ ބުނި ރައީސެކެވެ. ވީއިރު އޭނާއަށް ދުނިޔޭގެ ޞުލްޙައިގެ އިނާމު ދިނުމަށް ހައްދުފަހަނައެޅި ނަތަންޔާހޫ ހުށަހެޅުމުން މެދުއިރުމަތީގެ ބައެއް ޗެނަލްތަކުން އެކަމަށް ފާޑުކިޔައި ދަނީ ޖޯކުވެސް ޖަހަމުންނެވެ. އެ ޗެނަލްތަކުން ބުނާ ގޮތުގައި ނަތަންޔާހޫ ކަހަލަ އިބިލީހަކު ޓްރަމްޕަށް ނޮބެލް ޞުލްޙައިގެ އެވޯޑް ދިނުމަށް ހުށަހެޅުމަކީ ޙައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ.
ޓްރަމްޕަށް ތަޢުރީފު ކުރަމުން އިއްޔެ އެމެރިކާގައި ބޭއްވި ބައްދަލުކުރެއްވުމުގައި ނަތަންޔާހޫ ވަނީ ޓްރަމްޕަކީ "ސުލްހަ ކުރައްވާ" މީހެއްކަމަށް ބުނެފައެވެ. އެގޮތުން ޣައްޒާގައި 60 ދުވަސް ވަންދެން ހަނގުރާމަ ހުއްޓާލުމާއި އިސްރާއީލާއި އީރާނާއި ދެމެދު ހަމަޖެހުން ޤާއިމްކުރުމަށް ކުރާ މަސައްކަތަށް ތައުރީފު ކުރިއެވެ. އަދި ނޮބެލް ކޮމިޓީއަށް ޓްރަމްޕްގެ ނަން ފޮނުވުމަށް ލިޔުނު ސިޓީގެ ކޮޕީ އެއް އިސްރާއީލުގެ ސަރުކާރުގެ ނުބައި ނުލަފާ ވެރިޔާ ވަނީ ޓްރަމްޕާއި ޙަވާލުކޮށްފައެވެ.
ނޮބެލް ޞުލްޙައިގެ އިނާމު ޓްރަމްޕް އަށް ދިނުމަށް ހުށަހެޅި ވާހަކަ ނަތަންޔާހޫ ބުނުމުން، އެއީ "ވަރަށް މާނަހުރި" ކަމެއް ކަމަށް ބުނެ، ނަތަންޔާހޫ އަށް ޓްރަމްޕް ޝުކުރު އަދާކުރިއެވެ. އަދި މިކަމުން ދައްކުވައިދެނީ ދާދިފަހުން އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ދިން ހަމަލާތަކަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ ސަރަހައްދީ ސަލާމަތަށް މުހިންމު ކަމެއް ކަމަށެވެ.
މިދިޔަ މަހު އިންޑިއާ-ޕާކިސްތާނުގެ ހަނގުރާމަ ހުއްޓާލުމުގެ މެދުވެރިއަކަށް ޓްރަމްޕް ކުރި މަސައްކަތާއި ގުޅޭ ގޮތުން ޕާކިސްތާނާއި އެމެރިކާގެ ކޮންގްރެސް މެމްބަރަކު ވެސް ވަނީ ޓްރަމްޕަށް މި އެވޯޑް ދޭން ޖެހޭ ކަމަށް ބުނެފައެވެ.
މި އަހަރުގެ ނޮބެލް ޞުލްޙައިގެ އެވޯޑް ލިބުނުކަން އިއުލާން ކުރާނީ އޮކްޓޯބަރ 10 ގައެވެ.