އިސްލާމިކް މިނިސްޓްރީން އަންނަ އަހަރަށް ނެރޭ ކަލަންޑަރުގައި ހިމަނާނެ ފޮޓޯތައް ހޯދަން މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ "ކަލަންޑަރު ފޮޓޯ މުބާރާތް 2025"ގެ ނަމުގައި ކުރިއަށް ގެންދާ އެ މުބާރާތުގައި ހުށަހަޅާ ފޮޓޯތަކުގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅާ އެންމެ ރީތި 13 ފޮޓޯއެއް 2026 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމަނާނެ ކަމަށެވެ.
އެ މުބާރާތުގައި ކޮންމެ އުމުރުފުރާއެއްގެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ބުންޏެވެ.
އެ މުބާރާތުގެ އިތުރު ޝަރުތުތަކަކީ؛
- ކޮންމެ ބައިވެރިއަކަށް ވެސް ހުށަހެޅޭނީ މަދުވެގެން ތިން ފޮޓޯ. އަދި ގިނަވެގެން ފަސް ފޮޓޯ.
- ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތަކުގެ ފޮޓޯ (އިންޓީރިއާ، އެކްސްޓީރިއާ އަދި އޭރިއަލް ވިއު)
- މުބާރާތަށް ހުށަހަޅާ ފޮޓޯތަކުގައި މާތްﷲގެ އިސްމުފުޅުތައް، ކީރިތި ރަސޫލާ (ސއވ)ގެ ނަންފުޅާއި ކީރިތި ގުރުއާނުގެ އާޔަތްތަކުގެ މަންޒަރުތައް ހިމެނިގެން ނުވާނެ.
އެ މުބާރާތުގައި ހުށަހަޅާ ފޮޓޯތަކުގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅާ 12 ފޮޓޯއަށް، ފޮޓޯއަކަށް 2،500ރ. އަދި ކަލަންޑަރުގެ ބޭރު ކަވަރުގައި ހިމެނުމަށް ހޮވޭ ފޮޓޯއަށް 1،500ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ މުބާރާތުގައި ފަނޑިޔާރުން އިންސާފުކުރުމުގައި ބެލުމަށް ހަމަޖެހިފައިވާ ކަންތައްތަކަކީ އުފެންދުންތެރިކަމާއި ޓެކްނިކަލް ފެންވަރާއި ކޮލިޓީ ފަންނުވެރިކަމާއި ހުނަރު އަދި ޝަރުތުތަކާ ގުޅުން ހުރި މިންވަރު ކަމަށެވެ.
އެ މުބާރާތަށް ފޮޓޯ ހުށައެޅުމަށް ހާއްސަ ލިންކެއް މިނިސްޓްރީން ވަނީ ހަދައިފަ އެވެ.
ފޮޓޯ ހުށައަޅަން ޖެހޭނީ https://shorturl.at/vmPqa މި ލިންކު މެދުވެރިކޮށެވެ.
މިނިސްޓްރީން ބުނީ މުބާރާތަށް ހުށަހަޅާ ފޮޓޯއާއެކު ބައިވެރިޔާގެ އައިޑީކާޑު ފޮޓޯ ހުށަހަޅަން ވާނެ ކަމަށެވެ. އަދި ކޮންމެ ފޮޓޯއެއްގައި އެ ފޮޓޯގެ ލޮކޭޝަނާއި މިސްކިތުގެ ނަން އަދި ފޮޓޯއާ ގުޅޭ ކުރު ތައާރަފެއް ހިމަނަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
އެ މުބާރާތަށް ފޮޓޯ ހުށަހެޅޭނީ މި މަހު 31 ގެ ނިޔަލަށެވެ.









