މިދިޔަ މަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 5،900 އަށް ވުރެ ގިނަ ކޮންޓެއިނަރު ކްލިއާކޮށްފި އެވެ.
އެމްޕީއެލްގެ މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، 5،940 ކޮންޓެއިނަރު ކްލިއާކޮށްފައިވެ އެވެ. އޭގެ ތެރޭގައި 20 ފޫޓުގެ 2،344 އަދި 40 ފޫޓުގެ 1،798 ކޮންޓެއިނަރު ހިމެނެ އެވެ.
އެ ކުންފުނީގެ ބަނދަރުގެ ހިދުމަތް ހޯދި އުޅަނދުތަކުގެ ތެރޭގައި 17 ކޮންވެންޝަނަލް ކާގޯ އުޅަނދާއި 15 ކޮންޓެއިނާ ބޯޓު ވެސް ހިމެނެ އެވެ.
އެމްޕީއެލުން ބުނީ މާލެ ވިޔަފާރި ބަނދަރަށް ކްލިއާކުރި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ކްލިއާކޮށްފައި ވަނީ ބިސް، ފިޔާ، ކަރާ، އަލުވި، ޓޮމާޓޯ، ކަބެޖް، އަލަނާސި، ދޮންކެޔޮ އަދި ބަރަބޯ ކަމަށެވެ.
މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނެސް، ޒަމާނީ ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ތިލަފުށީގައި ފަށަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.