ގައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު ސިޓީއަކަށް މިރޭ ފަށާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޝެންޖެންއަށެވެ.
މޯލްޑިވިއަނުން ދަނީ އެ ކުންފުނީގެ ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ. މިގޮތުން، މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މޯލްޑިވިއަނުން ވަނީ ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ފަށާފައެވެ. އެއީ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީއަށެވެ. ޝެންޖެންއަށް މޯލްޑިވިއަނުން ފަށާ ދަތުރުތަކަކީ ސީޒަނަލް ދަތުރުތަކެކެވެ. އެގޮތުން، އަންނަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހަފްތާއަކު އެއް ދަތުރު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ މަންޒިލްތަކަށް ފަށާފައި މިވަނީ، މިދިޔަ ޖަނަވަރީ މަހު އެ ކުންފުނީގެ ފްލީޓަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓާއި އެކުގައެވެ. މޯލްޑިވިއަންގެ ފްލީޓަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ބޭނުންކުރަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މި އަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 148،951 ފަތުރުވެރިން ވަނީ އައިސްފައެވެ.
މޯލްޑިވިއަނުން ޗައިނާގެ މާކެޓް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދާދިފަހުން ވަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޓްރެވަލް ސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމާއި ރަސްމީކޮށް ގުޅިފައެވެ. މިއީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދޭ، ޗައިނާގެ ކުންފުންޏެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޗައިނާގެ ޓްރެވަލް އެޖެންޓުންނަށާއި ބައިނަލްއަޤްވާމީ ޕާޓްނަރުންނަށް މޯލްޑިވިއަންގެ ޚިދުމަތްތައް ފަސޭހައިން ލިބެން ހުރުމާއި، ޓިކެޓް ހޯދުމުގެ ފަސޭހަކަން އިތުރުކުރުން ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.