މެޑަމް ސާޖިދާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ވަޑައިގަތުމާއެކު އެ ހޮސްޕިޓަލަށް އިތުރު ތަރައްޤީ

އާނާ ފަހީމް | 40 ދުވަސް ކުރިން - 6 ޖުލައި 2025 14:29
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކުޅުދުއްފުށީ ހޮސްޕިޓަލުގެ 43ވަނަ އަހަރީ ދުވަހާއި ދިމާކޮށް އެހޮސްޕިޓަލުގައި ޚާއްޞަ ކްލިނިކަކާއި އެންޑޯމެޓްރިއޯސިސް ޚިދުމަތާއި ޓެލެމެޑިސިންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާ ޖަލްސާއަށް މެޑަމް ސާޖިދާ ކުޅުދުއްފުށްޓަށް ވަޑައިގެންފި.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު، މިއަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވައިފިއެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން، އެ ސިޓީގެ ރައްޔިތުންނާއި ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިސްވެރިން ވަނީ އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި މެޑަމް ސާޖިދާ ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތައް ބައްލަވާލައްވާފައެވެ. އެގޮތުން، އެކަމަނާ ވަނީ ހޮސްޕިޓަލުގެ އިސްބޭފުޅުންނާއި އެކި ޑިޕާޓްމަންޓުތަކުގެ ވެރިންނާ ބައްދަލުކުރައްވައި، އެ ޑިޕާޓްމަންޓުތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން، ހޮސްޕިޓަލު ހިންގެވުމުގައި މިވަގުތު ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވުމުގެ ގޮތުން މަޝްވަރާކުރައްވައި، ބައެއް ބަލި މީހުންނާ ބައްދަލުކުރައްވައި ހާލު ބެއްލެވިއެވެ.

ފަސްޓް ލޭޑީގެ މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް މަޤްސަދަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމެވެ. މި ޖަލްސާގައި ހޮސްޕިޓަލުގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ހޮސްޕިޓަލަށް 10 އަހަރާއި 20 އަހަރު އަދި 30 އަހަރު ހިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މެޑަމް ސާޖިދާގެ މި ދަތުރުފުޅުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް އަދި ޓެލެމެޑިސިންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުގެ އިތުރުން އެ ސަރަހައްދުގެ އެހެނިހެން ރަށްތަކުގެ ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދުމުގައި އެންމެ ބަރޯސާވާ މައި ހޮސްޕިޓަލެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%