އެމެރިކާގެ ޓެކްސަސްއަށް ކުރި ބޯވިއްސާރައިގައި ކޯރުތައް ބަންޑުންވެ މިހާތަނަށް 24 މީހުން މަރުވެ އިތުރު 23 މީހުން ގެއްލިއްޖެއެވެ.
ދަންވަރުއްސުރެ ވެހުނު ވިއްސާރައިގައި ގަޑިއެއްހާއިރުގެ ތެރޭގައި ކޯރުތަކުގެ ފެންގަނޑު 26 ފޫޓަށް (7.9 މީޓަރު) އުފުލިގެން ދިޔަ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އެމެރިކާގައި ފެން ބޮޑުވެ މީހުން ސަލާމަތްކުރުމުގައި ޓީމުތަކުން ޙަރަކާތްތެރިވަނީ / ފޮޓޯ: އޭޕީ
މިއަދުގެ ހެނދުނާއި ހަމަޔަށް 24 މީހުން މަރުވެފައިވާއިރު ގެއްލުނު މީހުންގެ ޢަދަދު ސީދާ ކަށަވަރެއް ނުވެއެވެ. ޔަޤީންވާ ގޮތުގައި މިހާތަނަށް 23 އަންހެން ކުދިން ވަނީ ގެއްލިފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި ޓެކްސަސް ޑިވިޝަން އޮފް އިމަޖެންސީ މެނޭޖްމަންޓުން ވަނީ މީހުން ސަލާމަތް ކުރުމަށް 14 ހެލިކޮޕްޓަރާއި، 100 ވައިކުޑައިގެ އިތުރުން ރެސްކިއު ޓީމުތަކުގެ އެހީގައި 237 މީހުން ސަލާމަތްކޮށްފައެވެ.
އެމެރިކާގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ މިއީ ކުއްލިޔަކަށް ކުރި ވިއްސާރައެއް ކަމަށާއި މި ވިއްސާރައިގެ ސަބަބުން މިހާތަނަށް 550 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.