ރާއްޖެއަށް އެތެރެކުރުން މަނާ ބޭހާއި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން މި މަހުގެ ދެވަނަ ދުވަހު މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ށ. ކޮމަންޑޫ / ސާތީ، ޙުސައިން ޝާނިމު (24އ) ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކުރުމަށްފަހު، އޭނާއާ ގުޅުންހުރި 3 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި އެ ތަންތަން ބަލައިފާސްކުރިއިރު 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހުގެ މުއްދަތަށް ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކުރުމަށް ޢަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުޤީޤުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.