އިއްޔެގެ ރަހީނު ކޭސް: އެއީ ކުށުގެ ރެކޯޑް އޮތް މީހެއް

އާނާ ފަހީމް | 9 ގަޑިއިރު ކުރިން - 4 ޖުލައި 2025 11:50
ހައްޔަރުކުރެވުނު އިބްރާޙިމް ސައީދު/ ފޮޓޯ: ޕޮލިސް
ހައްޔަރުކުރެވުނު އިބްރާޙިމް ސައީދު/ ފޮޓޯ: ޕޮލިސް
ޚުލާސާ

މާލޭ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ހިފެހެއްޓި އައްޑޫ 48 އަހަރުގެ އިބްރާޙިމް ސައީދަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް.

ބުދަ ދުވަހުން ފެށިގެން މީހަކު ރަހީނުކޮށްގެން އުޅުނު މައްސަލައިގައި އިއްޔެ ފުލުހުން ހައްޔަރުކުރި އައްޑޫ ސިޓީ ފޭދޫ، ސުވާސާގެ، އުމުރުން 48 އަހަރުގެ އިބްރާޙިމް ސައީދު އަކީ ކުށުގެ ރެކޯޑް އޮންނަ މީހެއްކަން އެނގިއްޖެއެވެ. އަދި އިއްޔެ އޭނާ ހައްޔަރުކުރީ ވެސް ކުށުގެ ވެށިން ކަމަށް ފުލުހުން ބުނެއެވެ.

ސަޢީދަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ ރެކޯޑް ގިނަ މީހެކެވެ. އެންމެފަހުން މިދިޔަ 2024 ވަނަ އަހަރުގެ އޯގަސްޓުގައި ވެސް އޭނާގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައި ވެއެވެ. އެއީ އެއާޕޯޓަށް ފުރަން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ހުއްޓުވުމަށްފަހު އިތުރު މީހަކާއި ގުޅިގެން އެ ދަބަހާއި އޭގައި ހުރި 11800 ޑޮލަރާއި އިތުރު ތަކެތި ނެގި މައްސަލައިގައެވެ. މި މައްސަލައިގައި އޭނާ ޖަލަށް ލިއެވެ. ޖަލުހުކުމުން މިނިވަންވީ، ތަޙްޤީޤު ބަންދުގައި ގިނަ ދުވަސް ވުމުން އެ ދުވަސްތައް ހުކުމް އުނިކުރަން ޖެހުމުންނެވެ. އޭނާގެ މިދެންނެވި މައްސަލަ ޕީޖީން ކޯޓަށް ހުށަހެޅީ 2023 ވަނަ އަހަރު ނޮވެމްބަރު 23 ގައެވެ. ނަމަވެސް ޝަރީޢަތް ނިމުނީ 11 އޯގަސްޓް 2024 ގައެވެ. އެފަހަރު އޭނާއަށް ކުރީ 1 އަހަރާއި 12 ދުވަހުގެ ޖަލު ޙުކުމެކެވެ. ނަމަވެސް ތަޙްޤީޤު މުއްދަތު އުނިކުރުމުން އޭނާ ޖަލުގައި ހޭދަކުރަން ޖެހުނީ 1 މަހާއި 12 ދުވަހެވެ.

ކުށުގެ ގިނަ ރެކޯޑް އޮންނަ އިބްރާހީމް ސަޢީދު އިއްޔެ ހައްޔަރުކުރީ މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކުރި މައްސަލައިހައި ކަމަށް ފުލުހުން ބުނެއެވެ. މިމައްސަލައިގައި ހިފަހައްޓާފައި ހުރި މީހާ ސަލާމަތްކޮށް، ފަރުވާދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ. އަދި މިމައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ އިބްރާހީމް ސަޢީދު ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށާއި، ހިފަހައްޓާފައި ހުރި މީހާއަކީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ، ބުދަ ދުވަހު މާލޭ ގެއެއްގެ ތެރޭގައި ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓައި އަނިޔާކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ގޮތުގައެވެ. ފުލުހުން ކުރި މަސައްކަތުން، ހިފަހައްޓާފައި ހުރި މީހާ ހުރިތަން ހޯދިފައިވަނީ އިއްޔެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%