މާލޭ ގެއެއްގައި ރަހީނުކުރި ބިދޭސީ ފިރިހެނަކު ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ. 

ފުލުުހުން ބުނީ މާލޭގެ ގެއެއްގައި ހުއްދަ ނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރި ކަމަށް ބުނާ މައްސަލައެއް މިއަދު ހެނދުނު 6:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ގެއެއްގެ ތަޅު ހަލާކުކޮށްލައިގެން ފުލުހުން އެތަނަށް ވަދެ އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ސިއްހީ ހާލަތު ބަލަމުން އަންނަ ކަމަށާއި އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.