ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ މަހު 15 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 141،772 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ މަހުގެ އެ މުއްދަތާ އަޅާ ބަލާއިރު 15 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ މަހަކީ ފަސްވަނައަށް މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އައި މަހެވެ. މި އަހަރު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޖެނުއަރީގަ އެވެ. އެއީ 214,000 އަށް ވުރެ ގިނަ ޓޫރިސްޓުންނެވެ.
Advertisement

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަސް ނިމުނުއިރު ރާއްޖެއަށް އައިސްފައި ވަނީ 1،108،130 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު 9.1 ޕަސެންޓް އިތުރު އަދަދެކެވެ.
މި އަހަރު ވެސް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. ޗައިނާ 141،162 ޓޫރިސްޓުން އައިސްފައިވެ އެވެ.
ޓޫރިސްޓުން ދެން އެންމެ ގިނައިން އައިސްފައި ވަނީ ރަޝިއާ އާއި އިނގިރޭސިވިލާތާއި އިޓަލީ އަދި ޖަރުމަނުންނެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖެ ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓްތަކުގަ އެވެ. އެއީ 72.4 ޕަސެންޓް ޓޫރިސްޓުންނެވެ.
ގެސްޓްހައުސްތަކުގައި 22.5 ޕަސެންޓް އަދި ހޮޓެލްތަކުގައި 2.8 ޕަސެންޓް ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.







