މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތައް ތަރުތީބުކުރުމަށް ފުލުހުން ކުރަމުން އަންނަ ހާއްސަ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް އެ މަގުތަކުން 422 ވެހިކަލް ޓޯކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުން އެކަނިވެސް 422 ވެހިކަލް ޓޯކޮށްފައިވާ ކަމަށެވެ.
މަޖީދީ މަގުން އެކަނިވެސް 219 ވެހިކަލް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ 216 ސައިކަލަކާއި 2 ކާރު އަދި ތަކުރާރުކޮށް ޕާކުކުރުމުގެ ސަބަބުން ޓޯކޮށްފައިވާ ސައިކަލެކެވެ.
ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުން 203 ވެހިކަލް ޓޮކޮށްފައިވާ ކަމަށާއި އޭގެ ތޭރޭގައި ހިމެނެނީ 164 ސައިކަލަކާއި 38 ކާރު އަދި ތަކުރާރުކޮށް ޕާކުކުރުމުގެ ސަބަބުން ޓޯކޮށްފައިވާ އެއް ކާރެވެ.
ވެހިކަލް ޕާކުކުރުމަށް ކަނޑައަޅާފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް ފުލުހުން ތަކުރާރުކޮށް އިލްތިމާސްކުރަމުން އަންނައިރު މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ޓޯކޮށްފައިވާ 568 ވެހިކަލެއް ފުލުހުން މިހާރު ވަނީ ނައްތާލައިފަ އެވެ.
ފުލުހުންގެ އަމާޒަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ރައްޔިތުންނަށް ބާރުއެޅުމެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށް ފުލުހުން ބުންޏެވެ.









