މާލޭގެ ގެއަކުން ވަގަށް ނަގާފައިވާ އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައި، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މާލެ، މައްޗަންގޯޅީގައި ހުންނަ ގެއެއްގެ ތިޖޫރީއެއް ރޭގެ ވަގުތެއްގައި ވަގަށް ނަގާފައިވާ ކަމަށް ބުނެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ކުރި ތަހުގީގުގެ ތެރެއިން، ސީސީޓީވީ ފުޓޭޖު ބަލައި ތިޖޫރީ ނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ ދެނެގަނެފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު 11:05 އެހައިކަންހާއިރު މާވެޔޮ މަގުންނެވެ. ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ތިޖޫރީން އޭނާ ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި، އޭގެ ތެރެއިން ބައެއް ފައިސާއިން އޭނާ ގަނެފައިވާކަމަށް ބެލެވޭ މޯބައިލް ފޯނެއް ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ރ. އަލިފުށި، ހަބީބީހެޕް، އިސްމާއީލް ސާއިފެވެ.








