މާލޭގެ ކެފޭއެއްގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. މި ބިދޭސީން ހައްޔަރުކުރީ އިއްޔެ ހަވީރު ހިންގި ރެއިޑެއްގައެވެ.
އިމިގްރޭޝަނުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޓާސްކް ފޯސް އިން އިއްޔެ ހަވީރު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި ރެއިޑުގައި މާލޭގެ ކެފޭއެއް ބަލައި ފާސްކޮށް، ގަވައިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި އަހަރުގެ ތެރޭގައި ހިންގި ރެއިޑު އޮޕަރޭޝަންތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.