ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑުތަކުގެ ލިމިޓު 500 ޑޮލަރަށް ބޮޑުކޮށްފިއެވެ.
މީގެ ކުރިން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ބޭރުގެ މުޢާމަލާތްތައް ކުރުމަށް އިންނަނީ 250 ޑޮލަރުގެ ލިމިޓެކެވެ.
ބީއެމްއެލްއިން މިއަދު ބުނީ އެ ބޭންކުން ދުކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މާދަމާއިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ބޭނުން ކުރެވޭ ޢަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓުތަކުން ކުރާ ބޭނުން ކޮންޓްރޯލް ކުރުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ ރާއްޖެއިން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައްވެސް ރާއްޖެއިން ބޭރަށް ގެންގޮސް އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މުދަލާއި ޚިދުމަތުން ފައިސާ ދެއްކޭ ޢަދަދު އިތުރުކޮށްދިނުމާއެކު އޭޓީއެމް އިން ރާއްޖެއިން ބޭރުގައި ނަގުދު ފައިސާ ނެގޭނެ ޢަދަދަކީ 125 ޔޫއެސް ޑޮލަރު ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި އޭޓީއެމް އިން ފައިސާ ނެގުމުން ޗާޖު ކުރެވޭ ޢަދަދަކީ 10 ޔޫއެސް ޑޮލަރު ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ޑެބިޓް ކާޑުތަކުން ރާއްޖެއިން އެންމެ ގިނައިން ޑޮލަރު ބޭރުކުރެވޭ އެއް ކަމަކީ އިންޓަނެޓު މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓުތަކަށް ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް ސައިޓުތައް ކަމުގައި ޓީމޫ، ޝީއިން، އަލީބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއިން ފައިސާ ދައްކާއިރު %30 އާ ހަމައަށް ފީއެއް ނެގޭނެ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ އޭގެ ތެރޭގައި ޓިކެޓު ނެގުމަށާއި ހޮޓާ ބުކް ކުރުމަށާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުޢާމަލާތް ކުރާ ސައިޓުތައް ނުހިމެނޭ ކަމަށެވެ. އަދި ޑޮލަރު އެކައުންޓުތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނޭ ކަމަށް ބޭނުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ޢަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލާ ކަމަށެވެ.
ބީއެމްއެލް އިން އިސްކަންދޭނީ ރާއްޖެއިން ބޭރުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ޙައްލެއް ހޯދައިދިނުމަށް ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއިން ބުނީ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓު ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާ ހަމައަށް ކަމަށެވެ.