ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ޢިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

ހުސައިން އިސްމާއިލް | 16 ގަޑިއިރު ކުރިން - 28 ޖޫން 2025 16:39
ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ޢިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުން. / ފޮޓޯ: ޚިދުމަތް ޖަމްޢިއްޔާ.
ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ޢިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުން. / ފޮޓޯ: ޚިދުމަތް ޖަމްޢިއްޔާ.
ޚުލާސާ

ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ޢިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިދެއްވީ ޝައިޚް ފަރީދުގެ ދެ ފިރިހެން ދަރިކަލުން.

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ، ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އަޅައިފިއެވެ. މި މިސްކިތުގެ ބިންގާ އަޅައިދެއްވީ ޝައިޚް ފަރީދުގެ ދެ ފިރިހެން ދަރިކަލުންނެވެ.

އުމުރުފުޅުން 53 އަހަރުގައި އަވަހާރަވި ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދު، މިމަހުގެ 9 ވަނަ ދުވަހު އަވަހާރަވީ މެލޭޝިޔާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.

ޝައިޚު ފަރީދު އަވަހާރަވުމާއެކު، އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދެވި ޚިދުމަތް ޖަމިއްޔާއިން ވަނީ ޝައިޚުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ނިންމައިފައެވެ. މި ނިންމުމާއެކު، މިސްކިތް އެޅުމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވައިލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، މިސްކިތް އަޅަން ހޭދަވާނެކަމަށް އަންދާޒާކުރި 760،000 ރުފިޔާ ވަނީ ހަމަވެފައެވެ.

ޚިދުމަތް ޖަމިއްޔާގެ ފަރާތުން މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފަށައިދިނުމުގެ ގޮތުން ޝައިޚުގެ ދެ ފިރިހެން ދަރިކަލުން ކަމަށްވާ މުޙައްމަދު ފަރީދާއި އަބްދުﷲ ފަރީދު ބަންގްލަދޭޝަށް ފުރާފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. ބަންގްލަދޭޝްގައި ބިނާކުރާ މި މިސްކިތުގެ ބިންގާ އަޅައިދީފައިވަނީ އެ ދެބެއިންނެވެ.

ޚިދުމަތް ޖަމިއްޔާއިން މި މިސްކިތުގެ ބިންގާ އެޅިކަން ހާމަކޮށް ވީޑިއޯއެއްވެސް ވަނީ އާންމުކޮށްފައެވެ. މިސްކިތް ބިނާކުރުމަށް ދިވެހީންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް އާއިލާއާއި، ޚިދުމަތް ޖަމިއްޔާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރަނީ 455 މީހުންގެ ޖާގައިގެ، 255 އަކަފޫޓުގެ މިސްކިތެކެވެ.

މީގެ އިތުރުން، ޚިދުމަތް ޖަމިއްޔާއިން ވަނީ ޝައިޚު ފަރީދުގެ ނަމުގައި ރާއްޖޭގައިވެސް މިސްކިތެއް ބިނާކުރުމަށް ނިންމާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%