މިއަދު މެންދުރު 13:30 އިން ހަވީރު 17:00 އާ ދެމެދު އުދަ އެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާބެހޭ ޤައުމީ މަރުކަޒުން ލަފާކޮށްފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަތުން ސިނަމާލެ ބްރިޖާއި ހުޅުމާލެ-މާލެ ލިންކް ރޯޑުގައި ދަތުރުކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ، މި ވަގުތުތަކުގައި މި މަގުތަކުގައި ދަތުރުކުރުމަށް ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ބޭނުންކުރުމަށް އިސްކަންދިނުމަށް އާންމުންނަށް އިރުޝާދުދޭ ކަމަށެވެ. މޫސުމާބެހޭ ޤައުމީ މަރުކަޒުން ވަނީ މުޅި ރާއްޖެއަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް ބުނެފައެވެ.
މޫސުމާބެހޭ މަރުކަޒުން ދެއްވާ މަޢުލޫމާތުތަކަށް ބަލާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ގުގުރާނެ ކަމަށް ލަފާކުރެއެވެ. ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާބެހޭ މަރުކަޒުން ފާހަގަކުރެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ޚާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އެ މަރުކަޒުން ވަނީ އަންގާފައެވެ.
މޫސުމާބެހޭ މަރުކަޒުގެ ރިކޯޑުތަކުން ދައްކާގޮތުގައި، ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއަން އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ. މަކުނުދޫއަށެވެ. އެރަށަށް 23.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.