އެމެރިކާގެ ޖަލެއްގައި ނަރުހެއްގެ ގޮތުގައި މަސައްކަތްކުރި އަންހެނަކު، އެ ޖަލުގައި ބަންދުކޮށްފައިވާ ގައިދީއަކާއި ކައިވެނިކުރުމުގެ ބޭނުމުގައި އޭނާގެ ފިރިމީހާ މަރާލައި، އެކަން ފޮރުވުމަށްޓަކައި ގޭގައި ރޯކޮށްލި މައްސަލައެއްގައި ޝަރީޢަތުން ކުށް ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެމެރިކާގެ މިޒޫރީ ސްޓޭޓުގެ އިބޭރިއާ ކިޔާ ކުޑަ އަވަށްގަނޑެއްގައި (700 މީހުން ދިރިއުޅޭ) ހިނގި މި ހާދިސާގައި އެ އަންހެންމީހާގެ ފިރިމީހާ ފެނުނީ އަނދާ ހުލިވެފައިވާ އޭނާގެ ގޭގެ ކޮޓަރިންނެވެ. އޭނާ މަރުވީ ގޭގައި ރޯވެގެން ކަމަށް ބެލެވުނު ނަމަވެސް، މަރުގެ ސަބަބު ހޯދުމަށް ކުރެވުނު އޮޓޮޕްސީއިން އެނގުނީ އޭނާ މަރުވެފައިވަނީ ވިހައެއް ދިނުމުގެ ސަބަބުންނެވެ. އަދި އެކަން ފޮރުވުމުގެ ގޮތުން ގޭގައި ރޯކޮށްލާފައިވަނީ ކަމަށް ވެއެވެ. އަދި ގޭގައި ރޯކޮށްލުމަށްޓަކައި ވަކި ކެމިކަލްއެއް ބޭނުންކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ އަންހެން ނަރުސް މީހާ އޭނާގެ ފިރިމީހާ މަރައިލީ ޖަލުގައި އޮތް ނުރައްކާތެރި ގައިދީއަކާއި ކައިވެނި ކުރުމުގެ ބޭނުމުގައެވެ. އެއީ މަރުގެ މައްސަލައަކާއި ގުޅިގެން 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހަކާއެވެ.