ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ތިންވަނަ ބުރު އިއްޔެ ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒުވާން ހަތީބުން ޕްރޮގުރާމުގެ ތިންވަނަ ބެޗަށް ހުޅުވާލުމާއެކު، 338 ކުއްޖަކު ފޯމު ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން ތަމްރީނުގައި ބައިވެރި ވަނީ ޝަރުތު ހަމަވާ އަދި އިމްތިހާނުން ފާސްވި 257 ބައިވެރިން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ޕްރޮގްރާމްގެ ސެޝަންތައް މި މަހު 26، 27، 28 ގައި އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިހާތަނަށް ޒުވާން ހަތީބުން ޕްރޮގްރާމްގެ ދެ ބުރެއް ނިމިފައިވާއިރު، 234 ޒުވާނުން ވަނީ އެ ޕްރޮގުރާމުގެ ތެރެއިން ސަނަދު ހާސިލްކޮށްފަ އެވެ.
މިނިސްޓްރީގެ އަމާޒަކީ މި ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ޒުވާން ހަތީބުން އުފެއްދުމެވެ.
ޒުވާން ހަތީބުން ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި ކިޔަވާ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް އިންތިޒާމުކުރާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ތެރެއިން ހަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ، ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ހާއްސަ ތަމްރީނުތައް ދެ އެވެ.
އެ ޕްރޮގްރާމްގެ ސަބަބުން ހަތީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް މިހާރު ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.






