ކުދި ވިޔަފާރިތައް ކުރިއަރުވަން މި ސަރުކާރުން ފުރުސަތުތައް ފަހިކޮށްދީ އެހީތެރިކަން ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ވިޔަފާރިތަކަށް ފައިނޭންސާއި މާކެޓްތަކަށް ވާސިލުވުމަށް ބޭނުންވާ ފުރުސަތު ފަހިކޮށްދިނުމަށްޓަކާއި މި ސަރުކާރުން މަސައްކަތްކޮށް ދޭނެ ކަމަށެވެ.
މިދިޔަ މަހު ބޭއްވި ދިވެހިން އުފެއްދުންތެރިކަމުގެ މައުރަޒުގެ ކާމިޔާބީއަށް ބަލާއިރު ވެސް، ކުދި ވިޔަފާރިތަކަށް ރާއްޖޭގައި ފުރުސަތު އޮތްކަން ހާމަވެފައިވާ ކަމަށާއި އެ ދާއިރާ ކުރިއަރުވަން ބޭނުންވާ އެހީތެރިކަން ދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރަށްރަށުގައި އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ދެމެހެއްޓެނިވި ކުރިއެރުން ގެނެސްދޭ ވިޔަފާރިވެރިންނާއި އާއީޖާދުތައް ހޯދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ހިދުމަތް ފާހަގަކުރެ އެވެ.
ރާއްްޖެއަކީ 2040 ވަނަ އަހަރު އަންނައިރު، ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، އެ އަމާޒަށް ވާސިވުމުގައި ކުދި ވިޔަފާރިތަކަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ބައެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.