ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން، ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ މި މަހުގެ 27 އިން 29 އަށް ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ބާއްވާ "ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ދަތުރުފަތުރުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސް ބޭފުޅުންނާއި، މާލީ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރގެ އިސްވެރިންނާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންނީ ބޭފުޅުން އެއްތަނަކަށް ޖަމާކޮށް، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ވިއުގަތައް ތަރައްޤީކުރުމާއި އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުން ކަމަށް ވުޒާރާއިން ބުންޏެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ފޯރަމްގައި 20 އަށްވުރެ ގިނަ ތީމެޓިކް ޕެނަލް ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގެ މަޝްވަރާތައް އަމާޒުކުރެވިފައިވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށްޓާ ރައްޓެހި ބަދަލުތަކާއި، އަދި ދުނިޔޭގެ ފެންވަރުގައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް ކަމަށް ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން، މި ފޯރަމްގައި ޚާއްޞަ ސަމާލުކަމެއް ދެވޭނީ ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގަތައް އެއްކޮށްލައިގެން ރަނގަޅަށް ތަރައްޤީކުރާނެ ގޮތާއި، އަސާސީ ވަސީލަތްތަކަށް އިންވެސްޓްކުރުމުގައި ހުރި ދަތިތައް ފޫބެއްދުމާއި، އަދި ސަރުކާރުތަކާއި، ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކާއި އަދި އަމިއްލަ ވިޔަފާރިތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ކަމަށް ވުޒާރާއިން ބުންޏެވެ.
ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އިފްތިތާޙްކޮށްދެއްވާ މި ފޯރަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޝަންގެ ޕެނަލިސްޓެއްގެ ގޮތުގައި ވަޒީރު އަމީން ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމެޖެހިފައެވެ. މި ސެޝަނަކީ އެކި ޤައުމުތަކާއި މުއައްސަސާތަކުގެ މެދުގައި ކަނޑުމަގުގެ ގުޅުމުގެ މުސްތަޤްބަލް ބައްޓަންކުރުމުގައި ދެމިގެންދާ އިސްކަންދޭ ކަންތައްތަކާއި، ޢަމަލީ ޙަޤީޤަތްތަކާއި، އެއްބާރުލުމުގެ މަގުތަކާ ބެހޭގޮތުން އިސްތިރާޖީ މަޝްވަރާކުރުމަށް ރޭވިފައިވާ މުހިންމު މަންޞައެއް ކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.