އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އެމެރިކާއާއި އިޒްރޭލުން ދިން ވައިގެ ހަމަލާތަކަށް ދެއްވި ވަރުގަދަ ރައްދެއްގެ ގޮތުން، އީރާނުގެ މަޖިލީހުން، އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ.) އާ އެއްބާރުލުން ދިނުން ހުއްޓާލުމަށް އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިއްތިފާޤުން އިއްޔެ ފާސްކޮށްފިއެވެ. މިބިލް މަޖިލީހަށް ވެއްދީ އީރާނަށް އިސްރާއީލުން ހަމަލާ ދެނީ އެމެރިކާާއި ގުޅިގެން ކަމަށް ވެފައި، އައި.އޭ.އީ.އޭ އަކީ ހުޅަނގުގެ ނުފޫޒު އޮންނަ ޖަމާޢަތަކަށް ވާތީއެވެ.
އީރާނުގެ މަޖިލީހުގެ މެންބަރުން ވަނީ، އައި.އޭ.އީ.އޭ. އަކީ ސިޔާސީ ބައެއް ކަމަށާއި، އީރާނާއި ދެކޮޅަށް ހަމަލާތައް ދިނުމަށް އެހީތެރިވެދޭ ފަރާތެއް ކަމަށް ތުހުމަތުކޮށްފައެވެ. މި ނިންމުން ފާސްކުރިއިރު އީރާނުގެ މަޖިލީހުގެ ތަޅުމުގައި ގޮވަމުން ދިޔައީ "އެމެރިކާއަށް މަރު! އިޒްރޭލަށް މަރު!" މިފަދަ ގޮތަކަށެވެ.
މި ބިލުގެ ދަށުން، އައި.އޭ.އީ.އޭ.ގެ އޮފިޝަލުންނަށް އީރާނުގެ ނިއުކްލިއަރ ސަރަހައްދުތަކުގައި މަސައްކަތް ކުރެވޭނީ، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ހުއްދައާއެކުގައެވެ. އަދި، ކުރިއަށް އޮތްތަނުގައި އެއްބާރުލުމެއް ދޭނަމަ، އީރާނުގެ ނިއުކްލިއަރ އިންފްރާސްޓްރަކްޗަރާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ވަރުގަދަ ގެރެންޓީތަކެއް ދިނުމަށް ވެސް މި ބިލުގައި ވަނީ ބާރުއަޅާފައެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު-ބާޤިރް ޤަލީބާފް ވިދާޅުވީ، މި ނިންމުމާއެކު އީރާނުން އޭގެ ސިވިލް ނިއުކްލިއަރ ޕްރޮގްރާމް އިތުރަށް ހަލުވިކުރާނެ ކަމަށެވެ. މި ބިލު ޤާނޫނަކަށްވުމަށްޓަކައި ގާޑިއަން ކައުންސިލުން ފާސްކޮށް، ގައުމީ ސަލާމަތީ އިދާރާއިން ތަންފީޒުކުރަން ޖެހެއެވެ.
މި ނިންމުމަކީ އީރާނުގެ ނިއުކްލިއަރ ހަރަކާތްތައް ބެލެހެއްޓުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ލިބުނު ބޮޑު ހީނަރުކަމެކެވެ. ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮންފަދަ ހުޅަނގުގެ ބޮޑެތި ލީޑަރުން ވަނީ އީރާނުން އައި.އޭ.އީ.އޭ.އަށް އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ. އަދި، ނިއުކްލިއަރ ސަލާމަތަށް ބޮޑެތި ނުރައްކާތަކާއި ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.