މާލޭ ސިޓީ ކައުންސިލްގެ އެސްޖީއަކަށް މުހައިމިން އައްޔަންކޮށްފި

އަހްމަދު އީޒާން | 4 ގަޑިއިރު ކުރިން - 25 ޖޫން 2025 18:44
މާލެ ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް އައްޔަންކުރި އަބްދުލް މުހައިމިން ނަސީރު / ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް އައްޔަންކުރި އަބްދުލް މުހައިމިން ނަސީރު / ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޚުލާސާ

މުހައިމިން އެންމެ ފަހުން ހުންނެވީ ސިޓީ ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި.

މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް އަބްދުލް މުހައިމިން ނަސީރު މިއަދު އައްޔަންކޮށްފި އެވެ.

ސިޓީ ކައުންސިލުން ބުނީ އެސްޖީގެ މަގާމަށް މުހައިމިން އައްޔަންކުރީ މިއަދު ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ކަމަށެވެ.

މުހައިމިން އެންމެ ފަހުން ހުންނެވީ ސިޓީ ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ.

ސިޓީ ކައުންސިލުން ބުނީ އެސްޖީގެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތިލެއްވި ކަމަށެވެ. އޭގެ ތެރެއިން އެންމެ މަތިން މާކުސް ލިބިވަޑައިގަތީ މުހައިމިނަށް ކަމަަށާއި އޭނާއަށް ލިބިވަޑައިގަތީ 85.03 މާކްސް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ މުހައިމިނަކީ މީގެ ކުރިން، ތައުލީމީ ދާއިރާގައި ގިނަ މަސައްކަތަކެއް ކުރައްވައިފައިވާ ބޭފުޅެއް ކަމަށެވެ.

ޕްރައިމަރީ ޓީޗަރުކަމާއި ސެކަންޑްރީ ޓީޗަރުކަމާއި ޕްރިންސިޕަލްކަމާއި މެދު ރާއްޖެ ތެރޭގެ ސްކޫލްތަކުގެ ޒޯން ކޯޑިނޭޓަރުކަމާއި މާލޭގެ، ހުރިހާ ސްކޫލެއްގެ ކޯޑިނޭޓަރުކަމާއި މާލެގައި ހިންގަމުން އަންނަ އަމިއްލަ ސްކޫލްތަކާއި އިންޓަނޭޝަނަލް ސްކޫލްތަކުގެ ކޯޑިނޭޓަރުކަމުގެ މަގާމު ވެސް އޭނާ އަދާކުރައްވާފައިވެ އެވެ.

މުހައިމިނަކީ ފުރަތަމަ ޑިގްރީ އާއި މާސްޓަރ ޑިގްރީ ހާސިލްކޮށްފައިވާ ބޭފުޅެކެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ކައުންސިލްގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރީ ހުރިހާ ކަމެއް ހިންގައި ބެލެހެއްޓުމާއި މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަން ޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%