ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފެހެއްޓުމަށް ނިންމައި ބަންގި އާއި ގަމަތާއި ދެމެދު ހޭދަކުރަންވީ ވަގުތުތައް މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުގެ ލަފާއާއެކު ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ނިންމުން މިހާރު ވަނީ ކައުންސިލްތަކަށް އަންގާފައި ކަމަށެވެ. އެގޮތަށް ކަނޑައަޅާފައި ވަނީ މާލެ އާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގި އާއި ގަމަތާ ދެމެދު އެއްމިނެއްގައި ހިފެހެއްޓުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ނިންމުމާ އެކު ފަތިސް ނަމާދުގައި ބަންގި އާއި ގަމަތާ ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި އަސުރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި 8 މިނެޓު އަދި އިޝާ ނަމާދުގައި 10 މިނެޓުގެ ވަގުތުކޮޅެއް ހޭދަކުރަން ޖެހޭނެ އެވެ.
މިނިސްޓްރީން ބުނީ އެ ނިންމުމަކީ ބަންގި އާއި ގަމަތާއި ދެމެދު މިހާރު ސުންނަތް ނަމާދުކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާންމުންގެ ޝަކުވާ މިނިސްޓްރީއަށް ލިބުމާ ގުޅިގެން އެކަމަށް ރިއާޔަތްކޮށްގެން ގެނައި ބަދަލެއް ކަމަށެވެ.