ދުނިޔޭގެ އެންމެ ވަރުގަދަ މުދާ އުފުލާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ނެދަލެންޑްސްގެ މެޔާސްކުން، ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ހައްދުފަހަނައެޅި ޔަހޫދީންނާއި ގުޅުންހުރި މުދާ އުފުލައިދިނުން ހުއްޓާލުމަށް ނިންމައިފިއެވެ. މެޔާސްކުން މިގޮތަށް ނިންމީ ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކުރާ އެކްޓިވިސްޓުން، ހާއްސަކޮށް ޕަލަސްޓީނިއަން ޔޫތު މޫވްމަންޓު (ޕީވައިއެމް) އިން އެތައް މަހެއް ވަންދެން މެޔާސްކަށް ފިއްތުންތައް ކުރިމަތިކުރަމުން ދަނިކޮށެވެ.
މެޔާސްކުގެ ޝިޕެއް އިސްރާއީލިގެ ހައިފާ ބަނދަރަށް މުދާ ބާލަނީ: މެޔާސްކުން ފަލަސްޠީނުގެ ހުޅަނގުއައްސޭރިއާއި ގުޅުންހުރި މުދާތައް ނުއުފުލުމަށް ނިންމައިފި.
ޕީވައިއެމް އިން ދަނީ ބައިނަލްއަޤްވާމީ ކެންޕޭނެއްގެ ދަށުން މެޔާސްކުން އުފުލާ މުދާ ގާތުން ބަލަމުންނެވެ. އެޖަމްޢިއްޔާގެ މައިގަނޑު ސަމާލުކަން ހުރީ މެޔާސްކުން އެމެރިކާއިން ޔަހޫދީ އަސްކަރިއްޔާއަށް ހަތިޔާރު އުފުލައިދޭ މައްސަލައަށެވެ. ނަމަވެސް ޔަހޫދީ ވަޒަންވެރިންނާއި ގުޅުންހުރި ކުންފުނިތަކަށް މުދާ އުފުލައިދިނުން ވެސް ޕީވައިއެމް އިން ދަނީ ގާތުން ބަލަމުންނެވެ.
މެޔާސްކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅަނގު އައްސޭރިއާ ގުޅުންހުރި އެ ކުންފުނީގެ ދަތުރުތައް ދާދިފަހުން މުރާޖާޢާ ކުރުމަށްފަހު، ޔަހޫދީ ވަޒަންވެރިންނާ ގުޅޭގޮތުން ގެންގުޅޭ ސްކްރީނިންގ ނިޒާމު އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށެވެ. އެގޮތުން އދ.ގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާ (އޯސީއެޗްއާރުސީ) އިން ބަލަހައްޓާ ޔަހޫދީ ވަޒަންވެރިންނާއި ގުޅުންހުރި ވިޔަފާރިތަކުގެ ދަފްތަރާއި ސްކްރީނިން ނިޒާމު އެއްގޮތް ކުރުން ހިމެނޭ ކަމަށް މެޔާސްކުން ބުނެފައިވެއެވެ.
ޔަހޫދީން ވަނީ ހުޅަނގު އައްސޭރިއަށްނގަދަކަމުން އަރައި އެތަނުގައި ވަޒަންވެރިވެފައެވެ. އެގޮތުން މިހާރުވެސް އެތަންތަނުގައި 500،000 އަށްވުރެ ގިނަ ވަޒަންވެރިން ދިިރިއުޅެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ޤަވާޢިދާ ޚިލާފު މި އާބާދީތަކާ ގުޅުންހުރި ވިޔަފާރިތަކުގެ މުދާ އުފުލައިދިނުން ހުއްޓައިލުމަށް މެޔާސްކުން ނިންމުމުން ދުނިޔޭގެ ޝިޕިންގ ދާއިރާއަށް ސާފު މެސެޖެއް ލިބޭނެ ކަމަށް ޕީވައިއެމް އިން ބުނެއެވެ.
ޕީވައިއެމްގެ މެންބަރެއް ކަމަށްވާ އައިޝާ ނިޒާރު ވިދާޅުވީ، މެޔާސްކުން ޔަހޫދީ އަސްކަރިއްޔާއަށް އަދިވެސް މުދާ އުފުލައިދޭ ކަމަށާއި، އަސްކަރީ ފައިޓަރު ޖެޓުތަކުގެ ބައިތައް ވެސް އުފުލައިދޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއިން މެޔާސްކަށް މާލީ ފައިދާތައް ލިބެމުންދާ ކަމަށާއި، މެޔާސްކުން ޔަހޫދީންގެ ޖަރީމާއާ ގުޅުންހުރި އެންމެހާ ގުޅުންތައް ކަނޑާލައި ހަތިޔާރު އުފުލުން ހުއްޓައިލަންދެން އެ ކުންފުންޏަށް ފިއްތުންތައް ކުރިމަތިކުރުވުމުގައި ދެމިތިބެން ޖެހޭ ކަމަށް އައިޝާ ވިދާޅުވެފައިވެއެވެ.