އެމްޑީޕީ ގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ނުވަތަ ޕޭޖުތަކުގައި މި ފަހަކަށް އައިސް އިބްރާހިމް ސޯލިހާއި އޭނާއަށް ސަޕޯޓުކުރާ އެމްޑީޕީ ލީޑަރުންގެ ފޮޓޯއާއި ހަބަރު ނުޖަހާ ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންނާއި އިސް ލީޑަރުންގެ ގޮތުގައި ތިބި ފަރާތްތަކާއި ސުވާލުކުރުމުން ގިނަ ފަރާތްތަކުން ބުނީ ފައްޔާޒަށް އެހުރީ އެބޭފުޅާ ފެނިފައި ކަމަށާއި 2023 ގެ އިންތިހާބުގައި ރައީސް ސޯލިހު ފެއިލްކޮށްލުމަށް ޕާޓީ ތެރެއިން މުލުގައި ހުރީ އެބޭފުޅާ ކަމަށެވެ. ސަބަބަކަށް ވެފައި ވަނީ 2028 ގެ ރިޔާސީ ޓިކެޓަށް އެބޭފުޅާ އަށް މަގުފަހިވާނީ 2023 ގެ އިންތިހާބުން ސޯލިހު ފެއިލްކޮށްގެން ކަމަށްވާތީ ކަމަށެވެ. އަދި އެމްޑީޕީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ފައްޔާޒު ވަނީ ހައިޖެކް ކޮށްފައި ކަމަށާއި އެއީ އޭނާ ހިންގާ މީޑިއާ ބަޣާވާތެއް ކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ޚުލާސާ އިން ބެލި ބެލުމުން އެފަރާތްތަކުން އެބުނާ "މީޑިއާ ބަޣާވާތް" މިކަން ތެދަކަށް ވެއެވެ. ހަމަ ގައިމުވެސް މިއަހަރުގެ ތެރޭގައި އެމްޑީޕީގެ އެކްސް އެކައުންޓަކުން އިބްރާހިމް ސޯލިހާއި ގުޅޭ އެއްވެސް ޚަބަރެއް ނުވަތަ ފޮޓޯ/ވީޑިއޯއެއް ވެސް ފެންނަން ނެތެވެ. މަތިން ތިރިޔަށް ފެންނަނީ ފައްޔާޒުއާއި ޝާހިދުގެ ފޮޓޯއެވެ.
އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެންބަރަކާއި ސުވާލުކުރުމުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބުނީ ފައްޔާޒުގެ ސަބަބުން އެމްޑީޕީ ތެރޭގައި ގިނަ މައްސަލަތަކެއް އުފެދިފައިވާ ކަމަށާއި އެހެންކަމުން ޤައުމީ މަޖިލީހުގެ މެޖޯރިޓީ ތާޢީދު އަދިވެސް އޮތީ އިބްރާހިމް ސޯލިހުގެ އަތުގައި ކަމަށެވެ. ފައްޔާޒަކީ ރުންކުރު ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ބޭނުމަކަށް ވެފައިވަނީ އިބްރާހިމް ސޯލިހު އެމްޑީޕީ އިން ބޭރުކުރުން ކަމަށެވެ. އެކަން ކުރުމަށް ނެގި އެންމެ ފުރަތަމަ ފިޔަވަޅަކީ މުޙައްމަދު ނަޝީދު (އަންނި) އެ ޕާޓީ ތެރެއަށް ވެއްދުން ކަމަށެވެ. އެއީ އިބްރާހިމް ސޯލިހުގެ ފެކްޝަން ބަލިކަށި ކުރުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށާއި ނަމަވެސް އެކަމެއް ކާމިޔާބު ނުވާނެ ކަމަށް އެ މެންބަރު ވިދާޅުވިއެވެ.
އެމްޑީޕީގެ ވަރަށް އިސް އެކްޓިވިސްޓަކު ބުނީ 2018 ގެ ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީ ތެރޭގައި އުޅޭ ކަތުރު ފަންޏަކަށް އަންނި ވަނީ ވެފައެވެ. މެއި 6 ގެ ހަމަލާއާއި ގުޅުވައި ރައީސް ސޯލިހު ބޮލުގައި އަޅުވާ ތުހުމަތުތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށާއި، ވެގެން އުޅޭ ގޮތަކީ ވެރިކަން ހަޖަމް ކުރަން އެބޭފުޅާއަށް ދަތިވީ ކަމަށެވެ. 2023 ގެ އިންތިހާބުގެ ކުރިން އެމަނިކުފާނު އެމްޑީޕީ އިން ބޭރުކުރުމަށް ރައީސް ސޯލިހު އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި ނަމަވެސް ވެރިކަން ފުރޮޅާލުމަށް އެމަނިކުފާނަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އިން އިސްތިއުފާ ދިނުމަށް ފަހު، ފަހުން އަލުން އަނބުރާ އެމްޑީޕިއަށް ސޮއި ކުރުން ކަމަށެވެ. އަދި އެމަނިކުފާނު އެ ގެންދަވަނީ އެގޮތުގެ މަތިން ކަމަށް އެ އެކްޓިވިސްޓް ބުންޏެވެ.
މި ފަހަކަށް އައިސް އެމްޑީޕީ ތެރޭގައި ކޯޅުންތަކެއް އުފެދި އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ވާހަކަ ނުދެކެވޭ ހިސާބަށް ކަންކަން ވަނީ ގޮސްފައެވެ. ރިޔާސީ ޓިކެޓަށް ފޫގަޅައިގެން ތިބީ ކިތަށް ބޭފުޅުންކަން ސީދާ ސާފު ނުވި ކަމުގައި ވިޔަސް މިވަޤުތު ކަށަވަރުވާ 4 ނަމެއް އެބަ އޮތެވެ. އޭގެ ތެރޭގައި ފައްޔާޒު އާއި ރައީސް ނަޝީދާއި އިބްރާހިމް ސޯލިހުގެ އިތުރުން ޑރ. ޝަމްހީދު އަހްމަދު ހިމެނެއެވެ.



