ބޮޑު ބިޔަ އެއްވުމެއްގެ ގޮތުގައި ދެ މަހެއްހާ ދުވަސްކުރިން އެމްޑީޕީން ޕްރޮމޯޓުކުރި މުޒާހަރާ ފެށިގެންދާއިރު މިރޭ 23:00 އާ ހަމަޔަށް ދިޔައިރު އެ ސަރަހައްދުގައި ތިބި މީހުންގެ އަދަދު 2،000 އިން 500 އަށް ވެއްޓިއްޖެ އެވެ. އެއްވުމުގެ ކުރިން އެމްޑީޕީން ބުނެފައިވަނީ 10،000 މީހުން އެއްވުުމުގައި ބައިވެރިވާނެ ކަމަށެވެ.
މިރޭގެ އެއްވުން ސުލްހަވެރިވާނެ ކަމުގެ ޔަގީންކަން އެމްޑީޕީން ވަނީ ފުލުހުންނަށް މުޒާހަރާގެ ކުރިން ދީފައެވެ. ނަމަވެސް އެ ޔަގީންކަމާ ހިލާފުވެ މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ކުރިމަތިލައި ފުލުހުންނަށް އަނިޔާވެރިވެ ތަކެއްޗަށް ގެއްލުންދީފައެވެ. މި މުޒާހަރާގައި ގިނަ މީހުން ބައިވެރިވީ ހަމަނުޖެހުން ނުހިންގާނެކަމަށް އެމްޑީޕީން ބުނުމުންނެވެ. ނަމަވެސް އެއާ ހިލާފުވުމުން ރަށްރަށުން އައި ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާ ދޫކޮށް ގޮސްފައެވެ. މުޒާހަރާގައި ބައިވެރިވި އެމްޑީޕީ ލީޑަރޝިޕުގެ ބައެއް މެންބަރުންވެސް މުޒާހަރާ ދޫކޮށް ފިލާފައިވާކަން ފާހަގަކުރެވެ އެވެ.
މިރޭގެ އެއްވުމުގައި ގައުމު ބިލިއަނުން ލޫޓުވާލައި ކަނޑު ވިއްކާލި މޭސްތިރިއާ ރައީސް ސޯލިހު ވެސް ބައިވެރިވި އެވެ.
އިބްރާހިމް މުޙައްމަދު ސޯލިހު މުޒާހަރާގައި.
ފުލުހުންގެ ނަސޭހަތަށް އީޖާބަ ނުދީ، އެއްވުމުގެ ބައިވެރިން ފުލުހުނާއި ދިމާލަށް ގަލާއި ފެންފުޅި އުކައި ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކޮށްފައިވެ އެވެ. ފުލުހުންނަށް އަނިޔާކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވާޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެމްޑީޕީން މިރޭ "ލޫޓުވައިފި" ނަމުގައު ކުރިއަށް ގެންދާ މުޒާހަރާގެ ބައިވެރިން ޤާނޫނާ ހިލާފުވުމުން، އެއްވުން ރޫޅާލުމުގެ މަސައްކަތް މުޒާހަރާ ފެށިތާ އިރުކޮޅެއް ތެރޭ ފުލުހުން ވަނީ ފަށާފައެވެ. 20:30 ގައި އާޓީފިޝަލް ބީޗުގައި ފެށި މުޒާހަރާ ފުލުހުންގެ ހުއްދައާ ހިލާފަށް އެމްޑީޕީގެ ލީޑަރޝިޕުގެ ބަހަށް ބައިވެރިން ވަނީ މަޖީދީ މަގަށް އެއްވެފައެވެ.
މި މުޒާހަރާ ކުރިއަށް ގެންދިއުމަށް ފުލުހުން ހުއްދަ ދީފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދުން ފެށިގެން ބްރިޖާއި ދިމާލުން ބޭރު މަގުންނެވެ. މުޒާހަރާގެ ކުރިން އެމްޑީޕީގެ އިސްވެރިން ވެސް ވަނީ ފުލުހުންނާއި ބައްދަލުކޮށް، ފުލުހުން ހުއްދަދީފައިވާ ގޮތަށް މުޒާހަރާ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.
އެއްވުން ރޫޅާލުމުގެ މަސައްކަތުގެ ތެރެއިން ބައެއް މީހުން ފުލުހުން ލައިން ފަޅާލައި މަޖީދީ މަގުން ކުރިއަށްދާން މަސައްކަތްކުރާ މަންޒަރު ފެނެއެވެ.