ކ. ތުލުސްދޫ ޓޫރިސްޓް ފެސިލިޓީތަކުގެ ސަލާމަތާއި ރައްކާތެރިކަން ހުރި ނެތްގޮތް ބެލުމަށް އިންސްޕެކްޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 21 އިން 23 އަށް އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި ތުލުސްދޫ ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރު ދަނެގަނެ ރަނގަޅުކުރަން ހުރި ކަންކަން ފާހަގަކޮށް އެ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ތުލުސްދޫގެ ޖުމްލަ 31 ފެސިލިޓީ އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.
މި ޕްރޮގްރާމުގެ ތެރެއިން، ތުލުސްދޫ ކައުންސިލާ ބައްދަލުކޮށް ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ރަށުގެ މޫދަށްއެރޭ ސަރަޙައްދުތަކުގައި ޓޫރިސްޓުންނަށް ޚާއްސަކޮށްގެން މަޢުލޫމާތު ހިމެނޭ ބީޗް ބޯޑުޖެހުމާ ގުޅޭގޮތުންނާއި ގެސްޓްހައުސް ހިންގުމުގައި ހުރި ގޮންޖެހުންތަކާއި، ރަށު ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށް ތުލުސްދޫ ޕޮލިސް ސްޓޭޝަނާއި ކައުންސިލް ގުޅިގެން ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ބައްދަލުވުމުގައި، ޓޫރިސްޓް ޕޮލިހުގެ މި ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށާއި އަދި ފެސިލިޓީ އިންސްޕެކްޝަންގެ ސަބަބުން، ޤަވާޢިދާ ޚިލާފަށް ގެސްޓްހައުސް ހިންގަމުންދާ ފަރާތްތަކުން އެ ކަންކަން ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެކަން ކައުންސިލުން ފާހަގަކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.









