މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑުގެ މެންބަރު އިދްހާމް ހުސެއިން އެ މަޤާމުން ވަކިކޮށްފިއެވެ.
އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް ސެކްޝަންގެ އެޑްވައިޒަރުގެ މަޤާމުގައި ހުންނަވަނިކޮށް އޭނާ ބޯޑުން ވަކިކޮށްފައިވަނީ އިއްޔެއެވެ.
އިދްހާމް އެ މަޤާމުން ވަކިކޮށްފައިވަނީ ކޮން ސަބަބަކާހުރެ ކަމެއް އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެއެވެ.
އޭނާ ހުންނެވީ އެ ސެކްޝަނުގެ ހެޑްގެ ގޮތުގައި އެސިސްޓެންޓް ގަވަރުނަރުގެ މަޤާމުގައި ނަމަވެސް، އާ ގަވަރުނަރު އަހުމަދު މުނައްވަރު މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހު އެ އިދާރާގެ ހިންގުމުގެ އޮނިގަނޑަކަށް ގެނައި ބަދަލުތަކާ ގުޅިގެން އެ ސެކްޝަނުގެ ހެޑްގެ މަޤާމުތަކަށް ވަނީ ބަދަަލު ގެނެސްފައެވެ. މިހާރު އެ ސެކްޝަނުގެ ހެޑަކީ މެނޭޖިންގ ޑިރެކްޓަރު މަރިޔަމް ރަޝްފާއެވެ.
ކުރީގެ ރައީސް މުހަންމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިންގެ ކޮއްކޮއެއް ކަމަށްވާ އިދުހާމް ގެންދަވަނީ 1990 އިން ފެށިގެން އެމްއެމްއޭގެ އެކި މަޤާމުތައް އަދާކުރައްވަމުންނެވެ.