ތެލެސީމިއާ ފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ތެލެސީމިއާ ގާނޫނަށް އިސްލާހެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅައިފި އެވެ.
ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހެއް މި ގެންނަނީ ފުރަތަމަ ފަހަރަށެވެ. އެއީ މެއި 10، 2012 ގައި އަމަލުކުރަން ފެށި ގާނޫނެކެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްޔެ ވަނީ އިއްވައިފަ އެވެ.
އެ ބިލު ހުށަހެޅީ ތެލެސީމިއާ ރާއްޖޭގައި އިތުރުވަމުންދާތީ ކޮންޓްރޯލްކުރުމަށާއި ތެލެސީމިއާއަށް ފަރުވާދިނުމަށް ކަނޑައަޅާ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޝަރުތުތައް ކަނޑައެޅުމާއި ތެލެސީމިއާއާއެކު އުޅޭ މީހުންނަށް ބޭނުންވާ ފަރުވާ ފުރިހަމަ ގޮތުގައި ދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރާ މީހުންގެ ދަފްތަރެއް ތައާރަފުކޮށް ބެލެހެއްޓުމުގެ ނިޒާމެއް ތައާރަފުކުރުމުގެ ބޭނުމުގަ އެވެ.
އިސްލާހު ގެންނަނީ ތެލެސީމިއާ ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާގެ ނ. އާއި ބ. އާއި ރ. އަދި ޅ. ގެ އިތުރުން އެ ބަޔަށް އަކުރެއް އިތުރުކުރުމާއި ނ. ގެ 3 ވަނަ މާއްސާ އިސްލާހުކުރުމާ އެކު 11 ވަނަ މާއްދާއަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ވަނީ ތެލެސީމިއާ ފަރުވާގެ ނިޒާމު ވަރަށް ބޮޑަށް ހަރުދަނާކޮށްދެއްވައިފަ އެވެ. ގިނަ ދުވަސްވެ ބާވެފައި ހުރި ތެލެސީމިއާ ސެންޓަރު ބަންދުކޮށް, ހުޅުމާލެ އޮރެންޖު ހިޔާގައި ރަނގަޅު ފެންވަރުގެ ތެލެސީމިއާ ސެންޓަރެއް ވަނީ ހުޅުވައިފަ އެވެ.