ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހިދުމަތް ދިނުމަށް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ފުލުހުންނަށް އިއްޔެ އިލްތިމާސްކުރައްވައިފި އެވެ.
ނަވީން އެގޮތަށް ވިދާޅުވީ އިއްޔެ ބޭއްވި އިންސްޕެކްޓާ ކޯސް ހަތަރެއް ފުރިހަމަކުރި ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގަ އެވެ.
ނަވީން ވިދާޅުވީ ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު ފުލުހުންގެ ފަރާތުން ދިއްކޮށްލެވޭ އަތަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ދިއްކޮށްލެވޭ އަތަކަށް ވާން ޖެހޭނެ ކަމަށެވެ.
އިންސްޕެކްޓާ ކޯހަކީ ފުލުހުންގެ ކެރިއާގައި ކޮމިޝަންޑް އޮފިސަރަކަށް ވުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށް ނަވީން ވިދާޅުވި އެވެ.
ނަވީން ވިދާޅުވީ އެއީ ފުލުހުންގެ ހިދުމަތުގައި ކުރިއަށް ދިއުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކާ ހިންގޭ ވަރަށް މުހިންމު ކޯހެއް ކަމަށާއި އެ ކޯހުގެ ތެރެއިން، ގާނޫނީ ގޮތުން ހަވާލުވާ ޒިންމާތަކާއި އަދާކުރަން ޖެހޭ ކަންކަން ދެނެގަނެ، މަސައްކަތް ތަރުތީބުކޮށް މެނޭޖުކުރުމަށް ދަސްކޮށްދެވޭނެ ކަމަށެވެ.
"މި ހިދުމަތުން އުންމީދުކުރަނީ މި ކޯސް ފުރިހަމަކުރުމުން ޒަމާނީ ފުލުހުންގެ ހިދުމަތަކަށް ލޯހުޅުވި، ހިދުމަތްކުރުމަށް ޒިންމާދާރުކަމާއެކު ކުރަން ޖެހޭ ކަންކަން ހައްލުކުރެވޭނެ ގާބިލުކަން ލިބިގެންދިޔަ ކަމަށް،" ނަވީން ވިދާޅުވި އެވެ.
ނަވީން ވިދާޅުވީ އިންސްޕެކްޓާ ކޯހުގެ މައިގަނޑު އަސާސަކީ އެ ކޯސް ފުރިހަމަކުރާ އޮފިސަރުންނަށް އިންސްޕެކްޓަރު ރޭންކުގެ ޒިންމާ އަދާކުރެވޭ މިންގަނޑަށް ހުނަރާއި އިލްމު ލައިދިނުން ކަމަށެވެ. ކޯސް ފުރިހަމަކޮށް މަސައްކަތަށް އެނބުރި ދާއިރު، ގާބިލް އޮފިސަރެއްގެ ކިބައިން ފެންނަން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި މަސައްކަތުގެ މައިދާނުގައި ކޯހުން ލިބުނު އިލްމާއި ހުނަރު ބޭނުންކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުލުހުންގެ ފަރާތުން އެހީތެރިކަމަށް އެދެނީ އެ ރައްޔިތަކަށް އެންމެ ކަންބޮޑުވާ ހިސާބަށް ކަންތައްތައް ގޮސްގެން، އަލިމަގެއް ނުފެނިގެން. އެހެންވީމާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ބައިވެރިންގެ ފަރާތުން އެދެން،" ނަވީން ވިދާޅުވި އެވެ.
ނަވީން ވިދާޅުވި ގޮތުގައި, ދިވެހި މުޖުތަމައަކީ ހުޅުވިފައިވާ މުޖުތަމައަކަށް ވުމާއެކު، އިންސްޕެކްޓާ ކޯސް ފުރިހަމަކުރި ކަމުގައި ވިޔަސް، ކޮންމެ ފުލުހަކުވެސް އަމިއްލަ ފަރުދީ ލެވެލްގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް މަސައްކަތްކޮށް، ފެންވަރު ރަނގަޅުކޮށް، ޑިސިޕްލިން ފުލުހަކަށް ވާން މަސައްކަތް ކުރަން ވާނެ އެވެ. ނަޒާހަތްތެރިކަމާއި ޒިންމާދާރުކަމާއި އަދި ގާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރާ މުވައްޒަފުންތަކެއް ގޮވައިގެން މަގުދައްކާ ފުލުހަކަށް ވާން މަސައްކަތްކުރުމަށް ވެސް ކުރަން ޖެހޭނެ އެވެ.